ސުޝާންތު ސިންގް ރާޖްޕުތު އަދި ޕަރިނީތީ ޗޯޕްޅާގެ ކުރިއަށް އޮތް ފިލްމު 'ތަކާދަމް'ގެ ވާހަކައަށް ބަދަލު ގެނެސް، ސްކްރިޕްޓުގެ ބައެއް ބައިތައް އަލުން ލިޔުމަށް، ފިލްމުގެ ޝޫޓިން މެދުކަނޑާލައިފައި ވާކަމަށް ޚަބަރުތައް ބުނެފި އެވެ.

ޚަބަރުތައް ބުނާ ގޮތުން، ފިލްމުގެ ޝޫޓިން މެދުކަނޑާލައި ސްކްރިޕްޓު ބަދަލު ކުރަން ޖެހުނީ، މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ކަރަން ޖޯހަރުގެ 'އޭ ދިލް ހޭ މުޝްކިލް' އާއި އެ ފިލްމުގައި ވަރަށް ގިނަ އެއްގޮތް ކަންތައްތަކެއް ހުރުމުންނެވެ.

ނަމަވެސް ފިލްމުގެ ޑައިރެކްޓަރު ހޯމީ އަދާޖާނިއާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ހޯމީ ބުނެފައި ވަނީ ދެ ފިލްމުގެ ދެމެދުގައި އެއްގޮތް ކަމެއް ނެތް ކަމަށެވެ.

"އެއްވެސް ގޮތަކަށް އެކަހަލަ މައްސަލަ އެއް ދިމާވެގެނެއް ނޫން ޝޫޓިން މެދުކަނޑާލީ. އަހަރުމެންނަށް ފެނުނީ ސްކްރީންޕްލޭ ރަނގަޅު ކުރުމަށް ސްކްރިޕްޓަށް ބަދަލު ގެންނަން ޖެހޭ ކަމަށް،" އޭނާ ބުންޏެވެ.

އަދި ސްކްރިޕްޓް ބަދަލު ކުރުމަށް ފަހު ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން އަލުން ފަށާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ދިނޭޝް ވިޖާން ޕްރޮޑިއުސް ކުރާ އެ ފިލްމުގައި ޕަރިނީތީ އާއި ސުޝާންތުގެ އިތުރުން އިރްފާން ޚާން ވެސް ހަރަކާތްތެރިވާނެ އެވެ.

ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް އުފައްދާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން މަހު އެވެ.

ސުޝާންތު އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ކާމިޔާބު ފިލްމު 'އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ' އިންނެވެ. ޕަރިނީތީ 'ތަކާދަމް'ގެ މަސައްކަތް ފަށާފައި މިވަނީ 'މޭރީ ޕިޔާރީ ބިންދޫ' ގެ މަސައްކަތް ނިންމާލުމަށް ފަހު އެވެ.