02 Nov 2016, 07:36
ތަފާތު އެކި ސަބަބުތަކާ ހެދި، ނުފެށި މަޑުޖެހިފައި އޮތް ސަންޖޭ ލީލާ ބަންސާލީގެ ފިލްމު، 'ޕަދްމާވަތީ' ގެ ޝޫޓިންގ ފަށައިފިއެވެ.
ފިލްމުގެ ލީޑު ރޯލު ތަކުން ފެނިގެންދާނީ ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގެވެ. ފިލްމުގައި ދީޕިކާ ފެނިގެން ދާނީ ރާޖްޕުތުގެ ރާނީ ޕަދްމާވަތީގެ ރޯލުންނެވެ. ޝާހިދު އަދާކުރާނީ ޕަދްމާވަތީގެ ފިރިކަލުން ރާޖާ ރަތަން ސިންގ ގެ ރޯލެވެ.
ފިލްމުގައި ރަންވީރު ސިންގ އަދާކުރާނީ ކުރިން ދިއްލީގައި ރަސްކަން ކުރި އަލާއުއްދީން ޚިލްޖީގެ ރޯލެވެ.
ޕަދްމާވަތީގެ ކާސްޓު ފިލްމުގެ ޝޫޓިންގގައި ހަރަކާތްތެރިކޮށް ނަގާފައިވާ ފޮޓޯއެއް މިހާރު އަންނަނީ ސޯޝަލް މީޑިއާ ގައި ދައުރުވަމުންނެވެ.
ދީޕިކާ އަދި ރަންވީރު ވަނީ މީގެ ކުރިން ވެސް ބަންސާލީގެ ދެ ފިލްމު ކަމަށްވާ 'ގޯލިއޯންކީ ރާސް ލީލާ ރާމް ލީލާ' އަދި 'ބާޖީރާއޯ މަސްތާނީ' ގައި ހަރަކާތްތެރިވެފައެވެ. ނަމަވެސް މިއީ ޝާހިދު އާއި ބަންސާލީ އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.