ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިން ޗެމްޕިއަން ބާސެލޯނާ އަތުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ބަދަލު ހިފައިފިއެވެ.

ޗެމްޕިއަންސް ލީގުގެ 'ގްރޫޕް ސީ'ގައި ރޭ ކުޅުނު މެޗުގައި ބާސާ އަތުން އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ސިޓީ މޮޅުވެފައި ވަނީ 3-1 ލަނޑުންނެވެ. މިދިޔަ މަހު ބާސާގެ ދަނޑުގައި ކުޅުނު މެޗުން ސިޓީ ބަލިވެފައި ވަނީ 4-0 ލަނޑުންނެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ބާސާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ކައުންޓާ އެޓޭކެއްގައި ބްރެޒިލް ތަރި ނޭމާ ދިން ބޯޅައަކުން ބާސާ އަށް ލީޑު ހޯދައިދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްފައި ވަނީ ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

ޗެމްޕިއަންސް ލީގުގައި ބާސާއާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވެފައި ވަނީ 3-1 ލަނޑުން ---

މެޗުގެ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، ސިޓީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ރަހީމް ސްޓާލިން ދިން ބޯޅައަަކުން ސިޓީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖަރުމަން މިޑްފީލްޑަރު އިލްކާއީ ގުންޑޮގަން އެވެ.

ސިޓީން އެ ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ، ލީޑު ފުޅާކޮށްލުމަށް ވެސް އެ ޓީމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޑޭވިޑް ސިލްވާ ދިން ބޯޅައަކުން ފެނާންޑީނިއޯ އުފެއްދި އެ ހަމަލާ ދިޔައީ ބާސާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިތާ ހަތަރު މިނެޓްފަހުން ސިޓީން ވަނީ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ހޯދައިފައެވެ. ސިޓީއަށް ލިބުނު ހިލޭ ޖެހުމަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާއެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ސިޓީން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ސާޖިއޯ އަގުއެރޯ ޖައްސާލި ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ގުންޑޮގަން އެވެ. ފުރަތަމަ ލަނޑެކޭ އެއްގޮތަށް އޭނާގެ ދެ ވަނަ ލަނޑުު ޖެހިއިރު ވެސް ބާސާ ޑިފެންޑަރުންގެ އުނދަގުލަކާ ކުރިމަތިވެފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގުގައި ބާސާއާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވެފައި ވަނީ 3-1 ލަނޑުން ---

އެ ގްރޫޕްގައި ކުޅުނު އަނެއް މެޗުގައި ސްކޮޓްލެންޑްގެ ސެލްޓިކާއި ޖަރުމަންގެ ބޮރުޝިއާ މޮންޗެންގްލަބާޗް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހައި އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ މޮންޗެންގްލަބާޗް އިން ވަނީ ލީޑު ހޯދައިފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ތޯގަން ހަޒާޑް ދިން ބޯޅައަކުން މޮންޗެންގްލަބާޗް އަށް އެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ލާސް ސްޓިންޑޭލް އެވެ.

މެޗުގެ 76 ވަނަ މިނެޓުގައި މޮންޗެންގްލަބާޗްގެ ޕެނަލްޓީ އޭރިޔާ ތެރެއިން މޫސާ ޑެމްބޭލޭ އަށް ކުރި ފައުލަކާ ގުޅިގެން ޖޫލިއަން ކޯބްއަށް ރަތް ކާޑެއް ދައްކައި، ސެލްޓިކަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ސެލްޓިކަށް އެ ޕެނަލްޓީ ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަކޮށްދިނީ ޑެމްބޭލޭ އެވެ.

'ގްރޫޕް ސީ'ގެ އެއް ވަނައިގައި އޮތް ބާސާއަށް ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ސިޓީއަށް ކުޅުނު ހަތަރު މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މޮންޗެންގްލަބާޗަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕްގެ ފުލުގައި އޮތް ސެލްޓިކް އަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.