މަސްތުވާތަކެތި ހުރި ފޮށިގަނޑެއްގައި ހުރި ކިރުޕެކެޓްތަކުގެ ތެރޭން ކިރުޕެކެޓަކުން ފިންގަޕްރިންޓް ފެނިގެން ފުލުހުން ހައްޔަރުކުރި މީހަކު ބަންދުގައި ހުންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ކިރުޕެކެޓުން ފިންގަޕްރިންޓް ފެނިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކު، މާދަނޑު، ގްރޭސް އިބްރާހިމް އަޒުހާނެވެ.

އެމައްސަލައިގައި އޭނާ ބަންދުގައި ހުންނަތާ މިހާރު 115 ދުވަސް ވެފައިވާ ކަމަށް އަޒްހާންގެ ވަކީލު 'ސަން' އަށް ކަށަވަރުކޮށްދެއެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުންވެސް، ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އެނގިފައިވާ ގޮތުން މަސްތުވާތަކެތި ހުރި ފޮށިގަނޑުގައި އޮތް ކިރު ޕެކެޓަކުން ފިންގަޕްރިންޓް ފެނުން ފިޔަވައި އިތުރު ހެއްކެއް އެމައްސަލައިގައި ފުލުހުންނަށް ދެއްކިފައެއް ނުވެއެވެ. އަދި މަސްތުވާތަކެތިންވެސް އޭނާގެ ފިންގަޕްރިންޓެއް ފެނިފައި ނުވާކަން ވަނީ އެނގިފައެވެ.

ފުލުުހުންގެ ބަންދުގައި އޭނާ ބަހައްޓާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކަކީ މުޖުތަމައުއަށް ނުރައްކާވާފަދަ މައްސަލަތަކެއް ކަަމަށް ބުނެއެވެ.

މަސްތުވާތަކެއްޗާއެކު ފޮށިގަނޑު ހިފައިގެން ދިޔަ މީހާވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.