އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފުރާޅުގެ މަރާމާތު މަސައްކަތެއް ކުރަނިކޮށް ސީލިންގުން ބައެއް ވެއްޓުން ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ހިތަދޫ ހޮސްޕިޓަލުގެ ސީލިންގުން ތަންގަނޑެއް ވެއްޓި އެޑްމިޓްކޮށްފައި އޮތް ބަލިމީހަކަށް ގެއްލުންވީ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ނަމަވެސް އެކަން އެ ހޮސްޕިޓަލުން ދޮގުކުރެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑިރެކްޓަރު ޝާހު ސައީދު 'ސަން' އަށް ވިދާޅުވީ، ސީލިންގުން ބައެއް ވެއްޓުނީ އެތަނުގެ މަރާމާތުގެ މަސައްކަތަކަށް ފުރާޅުން ޓިނު ނައްޓާލައިގެން މީހަކު ފުރާޅަށް އަރައިއުޅެނިކޮށް ކަމަށެވެ.

"ސީލިންގުން ވެއްޓުނު މީހާއަށްވެސް ބަލިމީހާއަށްވެސް އެއްވެސް ގެއްލުމެއް ނުވޭ،" ޝާހު ވިދާޅުވިއެވެ.