01 Nov 2016, 22:58
މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރި ފައިސާއާއި ބޭނުންކުރެވޭ ރިޒާވްގައި ހުރި ފައިސާ އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިއަދު ނެރުނު އިގްތިސާދީ ރިވިއުގެ ސެޕްޓެމްބަރު މަހުގެ އަދަދު ދައްކާ ގޮތުން، މިއަހަރުގެ ޖުލައި މަހު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 611.8 މިލިޔަން ޑޮލަރެވެ. އެ އަދަދުު އޯގަސްޓް މަހު 532.5 މިލިޔަން ޑޮލަރަށް ދަށްވި ނަމަވެސް، ސެޕްޓެމްބަރު މަހު އެ އަދަދު ވަނީ އިތުރުވެފައެވެ.
ރިވިއުގައި ބުނެފައިވާ ގޮތުން ސެޕްޓެމްބަރު މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 541.4 މިލިޔަން ޑޮލަރެވެ. އެއީ ގާތްގަނޑަކަށް ނުވަ މިލިޔަން ޑޮލަރުގެ އިތުރުވުމެކެވެ. ނުވަތަ 1.6 ޕަސަންޓުގެ ކުރިއެރުމެކެވެ.

ބީއެމްއެލް ބާޒާރު ބްރާންޗު ކުއިރީގައި ކިއު ހަދާފައި -- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ
މިއާއި އެކު ބޭރު ފައިސާގެ މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރެވެން ހުންނަ ފައިސާ ނުވަތަ ޔޫޒަބަލް ރިޒާވް ވެސް ވަނީ ކުރިއަށް ޖެހިލާފައެވެ. މި ރިޒާވްގައި ޖުލައި މަހު ހުރީ 207.9 މިލިޔަން ޑޮލަރެވެ. އޯގަސްޓް މަހު އެ ރިޒާވް 186.1 މިލިޔަން ޑޮލަރަށް ވެއްޓުނު ނަމަވެސް ސެޕްޓެމްބަރު މަސް ނިމުނު އިރު އެ ރިޒާވްގައި ހުރި ފައިސާގެ އަދަދު ވަނީ 193.8 މިލިޔަން ޑޮލަރަށް އަރާފައެވެ. އެއީ އޯގަސްޓް މަހާ އަޅައިބަލާއިރު 6.7 މިލިޔަން ޑޮލަރު ނުވަތަ 3.6 ޕަސަންޓުގެ ކުރިއެރުމެކެވެ.
އެހެން ނަމަވެސް އެމްއެމްއޭއިން ބުނާ ގޮތުގައި މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު މިއީ 11 ޕަސަންޓު ދަށް އަދަދެކެވެ. އެމްއެމްއޭއިން ބުނަނީ ރިޒާވް ދަށްވެފައިވަނީ، ބޭރު ފައިސާ ލިބުމުގެ ދަތިކަމަށް ލުޔެއް ހޯދުމަށް އެމްއެމްއޭއިން ބޭންކުތަކަށާއި ސަރުކާރުގެ ކުންފުނިތަކަށް ބޭރު ފައިސާ ވިއްކި އަދަދު އިތުރުކޮށްފައި ވާތީ ކަމަށެވެ.

ބީއެމްއެލް ބާޒާރު ބްރާންޗު ކުއިރީގައި ކިއު ހަދާފައި -- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ
އެމްއެމްއޭއިން ދާދި ފަހުން ބުނެފައިވާ ގޮތުން އެ އޮތޯރިޓީން ވަނީ، ޑޮލަރު ވިއްކުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ނިންމާފައެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގައި ޑޮލަރު ލިބުމުގެ ދަތިކަން ދިމާވެފައިވާ އިރު، ޑޮލަރުގެ ކަޅު ބާޒާރުގައި ނުއަގުގައި ޑޮލަރު ވިއްކަމުންދާކަން ފާހަގަ ކުރެއެވެ. އެގޮތުން، ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދަނީ 18 ރުފިޔާއިން މަތީގެ އަގުތަކުގައެވެ.
ޑޮލަރު ލިބުމުގައި ދަތިކަން ކުރިމަތިވެފައިވާ އިރު ޑޮލަރު ގަތުމަށް ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ދަނީ ބޭންކް އޮފް މޯލްޑިވްސްގެ ބާޒާރު ބްރާންޗު ކައިރީގައި ދަނީ ދިގު ކިއުތައް ދަމާލަމުންނެވެ. ރާއްޖެއިން ބޭރަށް ދާ މީހުންނަށް، ކޮންމެ ޓިކެޓަކަށް 500 ޑޮލަރުގެ މަގުން ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ޑޮލަރު ވިއްކަމުންނެވެ.