02 Nov 2016, 08:56
ދުނިޔޭގެ މަޝްހޫރު އެޕްއެއް ކަމަށްވާ އޫބާ އެޕް ބްލޮކް ކުރުމަށް ފަހު ޗައިނާ އިން ވަނީ "އޫބާ ޗައިނާ"ގެ ނަމުގައި އާ އެޕެއް ތައާރަފްކޮށްފަ އެވެ. ޗައިނާގައި އޫބާ ބޭނުން ނުކުރެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް އަލަށް ތައާރަފް ކުރި މި އެޕް މެދުވެރިކޮށް އޫބާއިން ލިބޭ ހުރިހާ ޚިދުމަތެއް ޗައިނާއިން ލިބިގެންދާނެ އެވެ.
ޗައިނާ އިން އުފެއްދި މި އެޕްގެ ލޭންގުއޭޖަކީ މެންޑަރިން އެވެ. އިތުރު އެހެން ލޭންގުއޭޖަކަށް ބަދަލެއް ނުކުރެވޭނެ އެވެ. އަދި ބޭރު ގައުމުތަކުގެ ކްރެޑިޓް ކާޑުތައް ވެސް މި އެޕް މެދުވެރިކޮށް ބޭނުމެއް ނުކުރެވޭނެ އެވެ.
އެގައުމުން ތައާރަފްކޮށްފައިވާ އޫބާ ޗައިނާ އެޕަކީ އެގައުމުގައި ހުންނަ އޫބާގެ ބްރާންޗުން ތައާރަފްކުރި އެޕެކެވެ. އެކުންފުނިން ވަނީ އެ އެޕަށް ގެނައި ބަދަލުގެ ސަބަބުން، އެ އެޕް ބޭނުންކުރުމުގައި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.
މީގެ ކުރިން އޫބާ ބޭނުން ކުރަމުން އައީ އެ ގައުމުގެ 60 ސިޓީ އެއްގަ އެވެ. ނަމަވެސް އަލަށް ތައާރަފް ކުރި މި އެޕާ އެކު ޗައިނާގެ 400 ސަރަހައްދަކަށް އޫބާ އެޕްގެ ޚިދުމަތް ފުޅާ ކުރެވިގެންދާނެ އެވެ.
ޗައިނާއަކީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމުގެ ބިރުގައި މިފަދަ އެޕްތައް އެގައުމުގައި ބޭނުން ނުކުރެވޭ ގޮތް ހަދަމުން އަންނަ ގައުމެކެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ސޯޝަލް މީޑިއާ، ފޭސްބުކްވެސް އެގައުމުގައި ބޭނުން ނުކުރެ އެވެ. ފޭސްބުކްގެ ބަދަލުގައި އެގައުމުގައި ބޭނުން ކުރަނީ ހަމަ އެގޮތަށް ފަރުމާކުރެވިފައިވާ އެހެން ސޯޝަލް މީޑިއާ އެކެވެ.