މިއަހަރު ގުރުއާން ހިތުދަސްކޮށްގެން އއ. ތޮއްޑޫ ފިނިވާގޭ އުމުރުން 11 އަހަރުގެ އާދަމް މިޝްއަލް ޝާމިން ހާފިޒުކަމުގެ ސަނަދު ހޯދިއިރު މިއަހަރުގެ ގައުމީ ގުރުއާން މުބާރާތުގެ އެއް ވަނަ އަމީނިއްޔާ ސްކޫލްގެ ދަރިވަރު، ގަލޮޅު ޖޫލިއަޓްގޭ ފާތުމަތު މަލްދާ މުހައްމަދު ހޯދައިފި އެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި 26 ވަނަ ގައުމީ ގުރުއާން މުބާރާތުގައި ކީރިތި ގުރުއާން ހިތުދަސްކޮށްގެން މިޝްއަލްގެ އިތުރުން ހާފިޒުކަމުގެ ސަނަދު ހޯދި ފަރާތްތަކަކީ ފުވައްމުލަކު ސޯސަންވިލާ އަލްހާފިޒާ މަރިޔަމް އިބްރާހީމްދީދީ އާއި، ފުވައްމުލަކު މާހުގޭ އަލްހާފިޒާ އައިޝަތު ފަހުމީ އާއި، ށ. ފޯކައިދޫ މާވާގޭ އަލްހާފިޒު މުހައްމަދު ޝަރީފާއި، ހދ.ކުޅުދުއްފުށީ ރަބީއު އަލްހާފިޒު އަލީ އަމްޖަދާއި، ހދ. ކުޅުދުއްފުށީ ބާބުލްއަވާލީ އަލްހާފިޒު މުހައްމަދު އަހުމަދާއި، ދ. ކުޑަހުވަދޫ ޝަބްނަމީގޭ އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލެވެ. މިއަހަރުގެ މުބާރާތުގައި ހާފިޒުކަމުގެ ސަނަދު ހޯދިފަރާތްތަކުގެ ތެރޭގައި ލޯފަން މީހަކު ވެސް ހިމެނެ އެވެ.

ހާފިޒުކަމުގެ ސަނަދު ހާސިލް ކުރި ފަރާތްތަކަށް އިނާމު ދެއްވައި، އެފަރާތްތަކަށް ކީރިތި ގުރުއާނާ ބެހޭ މަރްކަޒުން ދޭ ތާޖު އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.

މީގެއިތުރުން ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން އެއް ވަނަ، ދެވަނަ، އަދި ތިން ވަނަ އަށް ހޯދި ދަރިވަރުންނަށާއި އެއް ވަނަ، ދެވަނަ އަދި ތިން ވަނަ ހޯދި މުއައްސަސާތަކަށް އިނާމްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.

މިއަހަރުގެ މުޅި މުބާރާތުން ދެ ވަނަ ހޯދާފައިވަނީ، އިމާދުއްދީން ސްކޫލްގެ ދަރިވަރެއް ކަމުގައިވާ ގަލޮޅު އުފާ، އަބްދުﷲ ޔަމާން އަހުމަދާއި، ހދ. މަކުނުދޫ މަދްރަސާގެ ދަރިވަރު މަކުނުދޫ ޑައިމަންޑްވިލާ މަރިޔަމް ރިފާ އެވެ. މުޅި މުބާރާތުން ތިން ވަނަ ހޯދާފައިވަނީ، ވިނަވި ޤުރްއާން ކްލާހުގެ ދަރިވަރު ސ. ފޭދޫ އޯޝަން، މަރިޔަމް ލައްޔާ ރިޔާޒާއި، އިމާދުއްދީން ސްކޫލްގެ ދަރިވަރު ގަލޮޅު އިވްނިންސްޓާ ފާތުމަތު ޖައިޝާ އިކްރާމެވެ.

މުބާރާތުން އެއް ވަނަ ހޯދީ އަމީނިއްޔާ ސްކޫލެވެ. ދެ ވަނަ އިސްކަންދަރަށެވެ. ތިން ވަނަ އިމާދުއްދީނަށެވެ.

ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކާމިޔާބީގައި އަބަދު ހިތް ތިރިކުރުމަށާއި ނާކާމިޔާބީގައި ހުރިހާ ކުދިން ވެސް އަންނަ އަހަރު ހިތްވަރުކުރުމަށް އެދިވަޑައިގެންނެވި އެވެ. އަދި މިއަހަރުގެ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ކުދިންގެ ކިޔެވުމުގެ ފެންވަރު މިދިޔަ އަހަރަށްވުރެ ދަށްވެފައިވާ ކަމަށް ފަނޑިޔާރުން ފާހަގަކޮށްފައިވާކަންތައްތައް މުދަރިއްސުންނާއި ޓީޗަރުން ރަނގަޅު ކުރުމަކީ މުބާރާތް ކުރިއެރުމަށް އެޅިގެންދާނެ ފިޔަވަޅެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.