01 Nov 2016, 19:42
ޅ. ފެލިވަރުގައި އިތުރު އައިސް ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށަން ނިންމާފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.
ފެލިވަރުން ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށް ގޮވާލައި ޅ. އަތޮޅުގެ ގިނަ އަދަދެއްގެ މަސްވެރީންތަކެއް މިއަދު ވަނީ ކަނޑުމަތީގައި މުޒާހަރާ ކޮށްފައެވެ.
މިއަދު ހެނދުނުން ފެށިގެން ކުރަމުންދިޔަ މުޒާހަރާ މިއަދު ހަވީރު ހުއްޓާލާފައިވާއިރު، މުޒާހަރާ ކުރި މަސްވެރީން ވަނީ އެމީހުން ބާނާ މަހަށް ފުރިހަމަ އަގު ނުލިބޭ ކަމަށާއި ފެލިވަރުން މަސްވެރީންނަށް އައިސް ލިބުން ދަތިވެފައިވާ ކަމަށް ބުނެ އަޑު އުފުލާފައެވެ.
މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް ސަން އަށް މިރޭ ވިދާޅުވީ، އުތުރުގެ މަސްވެރީންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އައިސް ލިބުމުގެ ދަތިކަން ކަމަށެވެ. އަދި ފެލިވަރުގައި އިތުރު އައިސް ޕްލާންޓެއް ގާއިމްކުރުމަކީ އެ ކުންފުނިން ކުރިން ވެސް ނިންމާފައި އޮތް ކަމެއް ނަމަވެސް، މަސްވެރީންނަށް އައިސް ލިބުމުގެ ޝަކުވާތައް ހުށަހެޅުމުން އެކަން އަވަސްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދުލީ ވިދާޅުވި ގޮތުގައި، ފެލިވަރުގައި އިތުރަށް ބެހެއްޓުމަށް ނިންމާފައިވަނީ 25 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓެކެވެ. އަދި އެ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފަށައި، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އައިސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"އުތުރުގެ އަތޮޅުތަކަށް ދަނީ މަސްވެރިކަން ރަނގަޅުވަމުން. ފެލިވަރުގައި މިހާރުވެސް 40 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓެއް ބަހައްޓާފައި ހުރޭ. ނަމަވެސް ބައެއް ޓެކްނިކަލް މައްސަލަތަކާ ހުރެ އެ ފްލާންޓުން މަސްވެރިންގެ ޑިމާންޑަކަށް އައިސް އުފައްދައެއް ނުދޭ،" އަދުލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފެލިވަރުގައި އައިސް ޕްލާންޓް ގާއިމްކުރުމަށް އެ ކުންފުނިން ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށެވެ.
އުތުރުގެ ބައެއް މަސްވެރީން މިއަދު ކަނޑުމަތީ ކުރި މުޒާހަރާގައި ފެލިވަރު މަސްފެކްޓްރީގެ އިސްވެރިންނަކީ ކޮރަޕްޓް ބައެއް ކަމަށް ތުހުމަތުކޮށް އެމީހުން މަގާމުން ވަކިކުރުމަށް ގޮވާލާފައިވާއިރު، މަސްވެރީން ބާނާ މަހުގެ އަގު ދަށްކުރާ ކަމަށް ވެސް މަސްވެރީން ބުނަމުންދިޔައެވެ.
އެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން މިފްކޯ އިން ވަނީ މިއަދު ބަޔާނެއް ވެސް ނެރެފައެވެ. ފެލިވަރުގެ މަސްވެރީންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ، މަސްވެރީން ހުށަހެޅި ޝަކުވާތަކާއި ޑިމާންޑުތައް ފަހިކޮށްދިނުމަށް މަސް ގަތުމުގެ އޮޕަރޭޝަނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާނެ ކަމަށެވެ.
އަދި ކޫއްޑުއާއި ފެލިވަރުގައި މަސްގަންނަ އުސޫލުތައް މުރާޖާކޮށް ހަމަހަމަ އުސޫލަކުން މަސްގަތުމުގެ ކަންތައްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިފްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.