މި މަހުގެ 21 އަދި 22 ވަނަ ދުވަހު އިންޑިއާގެ ނިއު ދިއްލީގައި އޮންނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ޕާޓްނަރުންގެ ގޮތުގައި އިތުރު ދެ ކުންފުންޏަކުން ސޮއިކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން، އިންވެސްޓްމެންޓް ފޯރަމްގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ވަނީ އިކޮނޮމިކް މިނިސްޓްރީއާ އެކު ސޮއިކޮށްފައެވެ.

އަދި އެ ފޯރަމްގެ ސިލްވަރ ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއިން ވަނީ ސޮއިކޮށްފައެވެ.

އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކަށް ތިން ގިންތިއެއްގެ ޕެކޭޖުތައް ހުށަހަޅާފައިވެއެވެ. އެންމެ އެކްސްޕޯޝާ ބޮޑު ޕެކޭޖަކީ ޕްލެޓިނަމް ސްޕޮންސަރުންގެ ޕެކޭޖެވެ. ޕްލެޓިނަމް ޕާޓްނަރުންނަށް ފޯރަމްގައި ޕްރީމިއަމް ސްޓޯލަކާއި، ޕްރެޒެންޓޭޝަން ހުށަހެޅުމަށް ޚާއްސަ ވަގުތާއި އަދި އިޝްތިހާރު ކުރުމުގެ އެހެނިހެން ފުރުސަތުތައް ވެސް ލިބޭނެއެވެ.

ދެވަނަ ގިންތިއަކީ ގޯލްޑް ސްޕޮންސަރުންގެ ޕެކޭޖެވެ. މި ޕެކޭޖުގެ ދަށުން ސްޕޮންސަރުންނަށް ސްޓޭންޑަޑް ސްޓޯލަކާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ފުރުސަތުގެ އިތުރުން އިންވެސްް މޯލްޑިވްސް މެގަޒިންގައި ކަވަރޭޖު ލިބެއެވެ.

އަދި ތިންވަނަ ގިންތިއަކީ ސިލްވާ ޕެކޭޖެވެ. މި ޕެކޭޖުގެ ދަށުން އިންވެސްޓް މޯލްޑިވްސް މެގަޒިނުގައި ކަވަރޭޖު ލިބުމުގެ ފުރުސަތާއި ނެޓްވޯކިންގް ގާލާ ޑިނަރގައި ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ. މީގެ އިތުރުން ސްޓޭންޑަޑް ސްޓޯލެއް ނުވަތަ ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި ފޯރަމްގައި ބައިވެރިވެފައިވާ ކުންފުނިތަކަކީ އެސްޓީއޯ، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އުރީދޫ މޯލްޑިވްސް، ބޭންކް އޮފް މޯލްޑިވްސް، ދިރާގު، އެމްއޭސީއެލް އަދި އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސްއެވެ.

ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑެވެ. އަދި ސިލްވާ ޕާޓްނަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ އެލައިޑް އިންޝުއަރެންސް، އެމްޑަބްލިއުއެސްސީ އަދި އެމްޓީސީސީއެވެ.