އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި އދ. މަހިބަދޫ އަތުން ފަސޭހަކަމާއެކު އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫ މޮޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި މަހިބަދޫގެ މައްޗަށް ފޭދޫން ކުރި ހޯދާފައި ވަނީ 6-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 23 ވަނަ މިނެޓުގައި ފޭދުއަށް އިބްރާހިމް މަހުދީ ލީޑު ހޯދައިދިން އިރު، އޭގެ ދިހަ މިނެޓް ފަހުން އަހްމަދު ތޮލާލް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އެ މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 2-0 ލަނޑުން ފޭދޫ ކުރީގައި އޮވެގެންނެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ގްރޫޕް އެކެއްގައި ފޭދުއާއި މަހިބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ފަސޭހަކަމާއެކު 6-0 ލަނޑުން ފޭދޫ ވަނީ މޮޅުވެފައި --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ދެ ވަނަ ހާފު ފެށިތާ މިނެޓެއް ފަހުން ފޭދޫގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މަހުދީ އެވެ. މެޗުގެ 56 ވަނަ މިނެޓުގައި ފޭދޫގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ދެ ވަނަ ލަނޑު ވެސް ޖަހައިދިން ތޮލާލް އެވެ. މެޗުގެ 57 ވަނަ މިނެޓުގައި ފޭދޫގެ މަހުދީ ހެޓްރިކް ފުރިހަމަކުރި އިރު، އެ ޓީމުގެ ފަހު ލަނޑު ވެސް ކާމިޔާބުކޮށްދިނީ މަހުދީ އެވެ.

ގްރޫޕް އެކެއްގެ އެންމެ ކުރީގައި މިވަގުތު އޮތީ ފޭދުއާއި ކުޑަހުވަދޫއެވެ. އެ ދެ ޓީމު ވެސް މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ހޯދާފައިވެއެވެ. ގްރޫޕްގައި ދެން ހިމެނޭ ދެއްވަދުއާއި މަހިބަދުއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ފޭދުއާއި ކުޑަހުވަދުއަށް މިހާރު ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ. ގްރޫޕްގެ އެއް ވަނަ އަދި ދެ ވަނަ ޓީމު ކަށަވަރުވާނީ ގްރޫޕްގެ ފަހު މެޗުގައި ފޭދުއާއި ކުޑަހުވަދޫ ބައްދަލުކުރާ މެޗަށްފަހު އެވެ.