ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގިނަ އަދަދެއްގެ އިސްލާމީ ތަޖުރިބާކާރު ބޭފުޅުންނާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސް މިމަހުގެ 19ގައި ބާއްވަން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން ތައްޔާރުވެއްޖެއެވެ.

މިމަހުގެ 20-19 އަށް އައިޔޫއެމް އިން މާލޭގައި ބާއްވަން ހަމަޖެހިފައިވާ "އައިސީއައިއޭ 2016" އަކީ އަލަށް އުފެދިފައިވާ މައްސަލަތަކާމެދު ބަހުސް ކުރުމުގެ އިތުރުން އިންސާނިއްޔަތާއި ތައުލީމު އަދި އިޖްތިމާއީ ސައިންސް ފަދަ ދާއިރާތަކުގެ އެންމެ ފަހުގެ ދިރާސާތައް ހުށަހެޅިގެންދާނެ ކޮންފަރެންސެކެވެ.

ކޮންފަރެންސާ ގުޅޭގޮތުން މިއަދު އިސްލާމީ ޔުނިވާސިޓީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން އެ ޔުނިވާސިޓީގެ ސެންޓާރ ފޯ ރިސާޗު އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. ދީބާ މޫސާ ވިދާޅުވީ، މި ކޮންފަރެންސް ވެގެންދާނީ ބައިނަލްއަގްވާމީ ގޮތުން އެންމެ ބޮޑު އެއްބާރުލުމެއް ލިބިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ ކޮންފަރެންސް ކަމަށެވެ.

އެގޮތުން، އައިސީއައިއޭ ކޮންފަރެންސްގައި ދުނިޔޭގައި ގިނަ ތައުލީމީ ވުޒާރާތަކެއްގެ ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންނާއި އިލްމުވެރިންނާއި ދިރާސާ ކުރާ މީހުންގެ އިތުރުން މުދައްރިސުން އަދި ދަރިވަރުން ބައިވެރިވާނޭ ކަމަށެވެ.

ދީބާ ވިދާޅުވީ، އެ ކޮންފަރެންސްގައި އަވަށްޓެރި އިންޑިއާ، ޕާކިސްތާން އަދި ސްރީލަންކާގެ އިތިރުން މެލޭޝިއާ، ތުރުކީ، ބުރޫނާއީ، އެމެރިކާ އަދި ޔޫކޭ ފަދަ ގައުމުތަކުން 27 ދީނީ އިލްމުވެރިން ބައިވެރިވެ ކަރުދާސް ހުށަހަޅުއްވާނެ ކަމަށެވެ.

ކަރުދާހުގެ އިތުރުން ޕެނަލް ޑިސްކަޝަންތަކާއި ވޯކްޝޮޕްތަކެއް ވެސް ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ރާއްޖޭގެ ތަޖުރިބާކާރު ބޭފުޅުންނާއި މުއައްސަސާތަކުގެ ތެރެއިން 29 ފަރާތެއް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނިވަޑައިގަންނަވައެވެ.

ދީބާ ވިދާޅުވީ، އިނގިރޭސި، އަރަބި އަދި ދިވެހި ބަހުން ކުރިއަށްގެންދާ އެ ކޮންފަރެންސްގައި މިހާރު ވެސް 150 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެފައިވާ ކަމަށެވެ.