ޖެނުއަރީ މަހު ފެށުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިހާބަށް ކުށުގެ ރެކޯޑު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމެއް ހައިކޯޓުން ހަމަޖައްސައިދީފި އެވެ.

ހައިކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރެކޯޑް ސާފުކުރުމުގެ ކަންކަމުގައި ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަ ޖެއްސުމުގެ ގޮތުން، މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހާ ހަމައަށް ރަސްމީ ކޮންމެ ދުވަހެއްގެ ރޭގަނޑު އަށެއް ޖަހަންދެން ކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނާނެ ކަމަށެވެ.

އޭގެއިތުރުން ހޮނިހިރު ދުވަހު ހެނދުނު 10 އަކުން ހަވީރު ހަތަރަކަށްވެސް ކައުންޓަރު ހުޅުވާފައި ހުންނާނެ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

"ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނަ ގަޑިތަކުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމަށް ގެންނަ ފޯމްތައް ބަލައިގަންނާނެ،" ހައިކޯޓުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ދުވަހުން ދުވަހަށް ދޫކުރުމަށް ހައިކޯޓުން މަސައްކަތް ކުރާނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.