01 Nov 2016, 17:18
މަސްވެރިންނަށް ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށް ގޮވާލައި ޅ. އަތޮޅުގެ ގިނަ އަދަދެއްގެ މަސްވެރިންތަކެއް ކަނޑުމަތީގައި ކުރި މުޒާހަރާއަށް މިފްކޯއިން ޖަވާބު ދިނުމުން މަސްވެރީން އެ މުޒާހަރާ ހުއްޓާލައިފިއެވެ.
މަސްވެރީން މިއަދު ހެނދުން ފެށިގެން ކުރަމުންދިޔަ މުޒާހަރާގައި ޅ. ފެލިވަރު މަސްފެކްޓްރީގެ އިސްވެރިންނަކީ ކޮރަޕްޓް ބައެއް ކަމަށް ތުހުމަތުކޮށް އެމީހުން މަގާމުން ވަކިކުރުމަށް މުޒާހަރާގެ ބައިވެރިން އަޑު އުފުލިއެވެ.
އަދި މަސްވެރީން ބާނާ މަހަށް ފުރިހަމަ އަގު ނުލިބޭ ކަމަށާއި ފެލިވަރުން މަސްވެރިންނަށް އައިސް ލިބުން ދަތިވެ މަސްވެރީން ބާނާ މަހުގެ އަގު ދަށްކުރާ ކަމަށް ވެސް މަސްވެރިން ބުނަމުންދިޔައެވެ.
އެ ޑިމާންޑުތަކާ ޝަކުވާތަކަށް ޖަވާބު ދެމުން މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް ވިދާޅުވީ، މަސްވެރިންނާ މަޝްވަރާކޮށް ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޅ. އަތޮޅުގެ ގިނަ އަދަދެއްގެ މަސްވެރިންތަކެއް ކަނޑުމަތީގައި މިއަދު ކުރި މުޒާހަރާގައި ބައިވެރިވި ބައެއް މަސްވެރިންކުރި ޑިމާންޑުތަކާ ގުޅިގެން މިފްކޯގެ ސީއީއޯ އަދުލީ ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ/ ކިއުންތެރިއެއް
މަސްވެރީން ޝަކުވާކުރި ގޮތަށް އައިސް ލިބުމުގައި ބޮޑު ދަތިތަކެއް އެބަހުރި ކަމަށާއި އެކަން ހައްލުކުރުމަށް ކުރިއަށް އޮތް ހަފްތާ ތެރޭގައި ފެލިވަރުގައި އައިސް ޕްލާންޓެއް ގާއިމްކުރަން ފަށައި، އަންނަ މަހުގެ އެކަކުން ފަށައިގެން އެ އައިސް ޕްލާންޓުގެ ހިދުމަތް މަސްވެރީންނަށް ލިބެން ފަށާނެ ކަމަށް އަދުލީ ވިދާޅުވިއެވެ.
މަސްވެރީންގެ ޑިމާންޑުތަކާ ޝަކުވާތަކާ ގުޅިގެން މިފްކޯއިން ވަނީ މިއަދު ނޫސް ބަޔާނެއްވެސް ނެރެފައެވެ.
އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ، އުތުރުގެ ބައެއް މަސްވެރީންނާ މިފްކޯގެ މެނޭޖްމަންޓުން މިއަދު ބައްދަލުކޮށްފައިވާ ކަމަށާއި މަސްވެރިން ހުށަހެޅި ޝަކުވާތަކާއި ޑިމާންޑުތައް ފަހިކޮށްދިނުމަށް މަސް ގަތުމުގެ އޮޕަރޭޝަނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާނެ ކަމަށެވެ.
އަދި ކޫއްޑުއާއި ފެލިވަރުގައި މަސްގަންނަ އުސޫލުތައް މުރާޖާކޮށް ހަމަހަމަ އުސޫލަކުން މަސްގަތުމުގެ ކަންތައްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިފްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.