ޔޫރަޕްގެ ގައުމުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ޖަރާސީމެއް ކަމައްވާ އީކޮލައިގެ އަސަރު އައްޑޫ ސީޓިގެ އާންމު ބައެއް ފެން ތާނގިތަކަކުން ފެނިއްޖެ އެވެ.

އީކޮލައި ފެނިފައިވަނީ އައްޑޫގެ އާންމު ފެން ތާނގިތައް ބަލާ ސާފުކުރުމަށް އައްޑޫގައި ހެލްތް މިނިސްޓްރީން ހިންގި އިންސްޕެކްޝަނެއްގެ ތެރޭގަ އެވެ. އައްޑޫ އިންސްޕެކްޝަންގައި އިސްކޮށް ހުންނެވި ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ސައީދު މިއަދު ވިދާޅުވީ އީ ކޮލައި ފެނުނީ ހުޅުދޫ ދެ ތާނގި އަކުންނާއި ފޭދޫ އަދި މަރަދޫގެ އާންމު ފެންތާގިއަކުން ކަމަށެވެ.

"އެ ތާނގިތަކުގެ ފެން ހުސްކޮށް ސާފުކޮށްފައި ފެން އެޅުމަށް އަންގާފައިވާނީ،" ސައީދު ވިދާޅުވި އެވެ.

އައްޑޫގެ ހަތަރު ތާނގިއަކުން އީކޮލައި ފެނުނު އިރު ސައީދު ވިދާޅުވީ އީ ކޮލައި ޖަރާސީމަކީ އާންމުކޮށް ފެން ތާންގިތަކުން ފެންނަ ޖަރާސީމެއް ކަމަށެވެ. އީކޮލައި އަށަގަންނަނީ ތާނގީތައް ރަނގަޅަށް ސާފުނުކުރެވޭތީ ކަމައްވެސް ސައީދު ވިދާޅުވި އެވެ.

"އެ އާންމުކޮށް ފެނޭ. އަލުން ތާންގި ސާފުކޮށްފައި ފެންއެޅީމާ ރަނގަޅު ވާނެ،" ސައީދު ވިދާޅުވި އެވެ.

ޔޫރަޕްގައި ނުރައްކާތެރި ބާރުމިނެއްގައި ފަތުރެން ފަށާފައިވާ އީކޮލައި އައްޑޫން ފެނުނު މައްސަލައިގާ ހެލްތް މިނިސްޓްރީގެ ޑިރެކްޓާ ޑރ. އިބްރާހިމް ޔާސިރު މިއަދު ވިދާޅުވީ އައްޑޫގެ ތާނގީތަކުން ފެނުނު އީކޮލައި އަކީ ޔޫރަޕުގައި މިހާރު ފެންނަމުންދާ ނުރައްކާތެރި ވައްތަރުގެ އީކޮލައިއެއް ނޫންކަމަށެވެ.

"ޔޫރަޕްގައި މި ފެންނަ ވައްތަރުގެ އީކޮލައިގެ ސްޓްރެއިން އެއް ނޫން މި ފެނުނީ. މިއީ ހަމަ އާންމު އެއްޗެއް. އީކޮލައިގެ އާންމު ވައްތަރު އެއީ." ޔާސިރު ވިދާޅުވި އެވެ.

އީކޮލައި އަކީ ޖަނަވާރުގެ ކުޑަކަމުދާ އެއްޗިއްސާއި އަދި މެހިފަދަ ތަކެތީގައި ހުންނަ ޖަރާސީމެއްކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.