01 Nov 2016, 16:16
ދުބާއީގައި ބާއްވާ ޝައިހާ ފާތިމާ ބިންތު މުބާރަކް ދުބާއީ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ދަރިވަރާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި އެވެ.
މުޅި ޤުރުއާން ތަޖުވީދުގެ ހަމަތަކާއެކު ހިތުދަސް 25 އަހަރުން ދަށުގެ އަންހެނުންނަށް އާއްމުކޮށް ހުޅުވާލައިގެން މިމަހުގެ ހަޔަކުން 18 އަށް ދުބާއީގައި ބާއްވާ އެ މުބާރާތުގައި ރާއްޖޭން ބައިވެރިވާނީ އަލްހާފިޒް ރިފްދާ މުހައްމަދު ރަޝީދެވެ.
އެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ވާދަކުރުމަށް ރިފްދާ މުހައްމަދު ރަޝީދު ހޮވާފައިވަނީ ކީރިތި ގުރުއާނާބެހޭ މަރުކަޒުން އެ މުބާރާތުގައި ވާދަކުރާނެ ބައިވެރިއަކު ހޮވުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ ކުދިންގެ ތެރެއިން އިމްތިހާނު ކުރެވިގެންނެވެ.
ރިފްދާއާ ބައްދަލުކުރައްވައި އިސްލާމިކް މިނިސްޓަރު ވަނީ އޭނާއަށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ކަމުން އުފާކޮށް އޭނާއަށް ހިތްވަރު ދެއްވާފަ އެވެ. އަދި މުބާރާތުގައި ރާއްޖެ ފަހުރުވެރިވާ ފަދަ ވަނައެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ.
އަރަބިއްޔާ ސްކޫލުގައި ތައުލީމު ހާސިލް ކުރަމުންދާ އަދި ކީރިތި ގުރުއާނާބެހޭ މަރްކަޒުގެ އިޖާޒާ ކްލާހުގައި ކިޔަވަމުންދާ ރިފްދާ ވަނީ ކީރިތި ގުރްއާން މުޅިން ހިތުދަސްކޮށް 2014 ވަނަ އަހަރު ހާފިޒުކަމުގެ ސަނަދު ހޯދާފައެވެ.
އަދި 2015 ވަނަ އަހަރު އަލްޖީރިއާ އަދި މިސްރުގައި ބޭއްވި ގުރުއާން ކިޔެވުމުގެ ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ވެސް ރިފްދާ ބައިވެރިވެފައިވާއިރު، މިސްރުގައި ބޭއްވި މުބާރާތުން އޭނާ ވަނީ ރަންވަނަ ހާސިލްކޮށްފަ އެވެ.