ދިހަ މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ގަކޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ލަފާދީފި އެވެ.

މަހުލޫފްގެ ބައްޕަ މުހައްމަދު ހައްސާން "ސަން"އަށް މިއަދު ވިދާޅުވީ އައިޖީއެމްއެޗަށް ގެންގޮސް ހަމުގެ ޑޮކްޓަރަކަށް އޭނާ ދެއްކުމުން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ލަފާދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަހުލޫފްގެ ކަނދުރާ އާއި ފައިގައި ވެސް މައްސަލަ އުޅޭ ކަމަށާއި ހިނގަނީ ވެސް ކޮރުޖަހަމުން ކަމަށެވެ.

"ކަނދުރައިގަވެސް މައްސަލަ އުޅޭ. ފައިވެސް ރަނގަޅަށް ނޭޅޭ. ކޮރުޖަހަމުން ހިނގަކީ ވެސް،" ހައްސާން ވިދާޅުވިއެވެ.

މަހުލޫފް ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ގެންދިޔުމަށް ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް މިއަދު ކަރެކްޝަނަލް ސާވިސް އަށް ހުށަހަޅާފައިވާ ކަމަށް ވެސް ހައްސާން ވިދާޅުވިއެވެ.

މަހުލޫފްގެ ބޭސްފަރުވާގެ ކަންތަކާ ގުޅޭގޮތުން ކޮމިޝަނަރު އޮފް ޕްރިޒަން އަހުމަދު ޝިހާނާ ބައްދަލުކުރަން ސިޓީ އަކުން އެދުނުތާ ދެ މަސް ވެއްޖެ ކަމަށާއި އޭނައާ ބައްދަލުކުރެވޭނީ އާދީއްތަ ދުވަހު ކަމަށް ކަރެކްޝަނަލް ސާވިސުން މިއަދު ބުނެފައިވާ ކަމަށް ވެސް ހައްސާން ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މައުސޫމް "ސަން"އަށް ވިދާޅުވީ މަހުލޫފްގެ ސިއްހީ ކަންތައްތަކުގެ މައުލޫމާތު ކަރެކްޝަނަލް ސާވިސްއާ އެ ހޮސްޕިޓަލުން ހިއްސާކުރާނެ ކަމަށެވެ. އަދި ބަލި މީހުންގެ އެފަދަ މައުލޫމާތުތައް އެ ހޮސްޕިޓަލުން ހާމަނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމާ ބެހޭގޮތުން ކަރެކްޝަނަލް ސާވިސްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.