މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އައިޖީއެމްއެޗަށް އެއް މިލިއަން ރުފިޔާގެ އަގުހުރި ފަސް، ޕޭޝަންޓު ޓްރާންސްފާ ވީލް ޗެއާ ހަދިޔާކޮށްފި އެވެ.

އައިޖީއެމްއެޗްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ވީލް ޗެއާގެ ރަމްޒީ ހަނދާނީ ލިޔުން އައިޖީއެމްއެޗާ ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދެވެ. އެ ލިޔުމާ އައިޖީއެމްއެޗްގެ ފަރާތުން ހަވާލުވެވަޑައިގަތީ އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރެވެ.

އެމްޑަބްލިއުއެސްސީ އިން ވީލް ޗެއާގެ ރަމްޒީ ހަނދާނީ ލިޔުން އައިޖީއެމްއެޗާ ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޒުލް ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ އަމާޒަކީ އެ ކުންފުނިން ތައާރަފް ކުރާ ޕްރޮޑަކްޓަކީ ކޮލިޓީ ތަކެއްޗަށްވުމާއި އަދި ދޭ ހިދުމަތްތަކަކީ ރައްޔިތުންނަށް ލުއި ފަސޭހަ ހިދުމަތަކަކަށް ވެގެން ދިއުން ކަމަށެވެ.

"އަޅުގަނޑުމެން ސީއެސްއާރުގެ ގޮތުގައި ހަދިޔާކުރަން ބޭނުން ވަނީ އަބަދު ވެސް ރައްޔިތުންނަށް ދުޅަހެޔޮ ނުވަތަ އޭގެ މަންފާ ލިބޭނެ ކަންތައްތައް. އަޅުގަނޑުމެން ހަރަދުކުރަން ބޭނުން ވަނީ ވެސް މިފަދަ ކަންކަމަށް،" ފަޒުލް ވިދާޅުވި އެވެ.

އޭނާގެ ވާހަކަފުޅުގައި ކުރިން އައިޖީއެމްއެޗު އޮތް ހާލަތާ ބަލާއިރު "ހާސް" ބައި ތަފާތު ވާނެ ކަމަށާއި ރައްޔިތުންނަށް ޓަކައި ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

މިއަދު އެމްޑަބްލިއުއެސްސީ އިން އައިޖީއެމްއެޗަށް ހަދިޔާ ކުރި ވީލްޗެއާ --

އެމްޑަބްލިއުއެސްސީ އިން ހަދިޔާ ކޮށްފައި ވަނީ ފަސޭހަކަމާ އެކު ބަލިމީހުން އެއްތަނުން އަނެއް ތަނަށް ގެންދެވޭ، ބޭނުން ނަމަ އެނދަކަށް ވެސް ބަދަލުކޮށްލެވޭ ވީލް ޗެއާ ތަކެކެވެ.