01 Nov 2016, 15:50
ރިޔާދު (ނޮވެމްބަރު 1): ދުނިޔޭގެ އެންމެ ގިނަ އިސްލާމީ ގައުމުތައް ހިމެނޭ ޖަމާއަތް ކަަމަށްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލް އިޔާދު މަދާނީ، މިސްރުގެ ރައީސް ސީސީ އަށް ފާޑުކިޔިތާ ކުޑަ ދުވަސްކޮޅަކަށް ފަހު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި ކަމަށް އެޖަމްއިއްޔާ އިން ބުނެފި އެވެ.
އޯއައިސީން ނެރުނު ބަޔާނެއްގައިވާ ގޮތުން "ސިއްހީ ސަބަބުތަކާ" ހެދި މަދާނީ ސެކްރެޓަރީ ޖެނެރަލް ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ސައުދީ އަރަބިއާއިން ވަނީ އެމަގާމަށް ޑރ. ޔޫސުފް އަލް އޮތައިމީންގެ ނަން ހުށަހަޅާފަ އެވެ. އަދި މިސްރުން ވަނީ ސައުދީ އަރަބިއާގެ ނޮމިނޭޝަނަށް ތާއިދު ކޮށްފަ އެވެ.
މަދާނީ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ ދެއްކެވި ވާހަކަފުޅެއްގައި ޓިއުނީޝިއާގެ ރައީސް ބެޖީ ސައިދު އެސެބްސީ އާއި މިސްރުގެ ރައީސް ސީސީގެ ނަން އޮޅުވާލެވުނު ފަހުންނެވެ.
މިސްރުގެ އިގުތިސާދު ހީނަރުވުމާ ބެހޭ ގޮތުން މީގެ ކުރިން ރައީސް ސީސީ ދެއްކެވި ވާހަކަފުޅެއްގައި، އެނާގެ "ފްރިޖުގައި ހަމައެކަނި ފެންފުޅި ހުންނަތާ 10 އަހަރުވެފައިވާ" ކަމަށް ސީސީ ވިދާޅުވުމުން، އެމަނިކުފާނަށް ފާޑު ވިދާޅުވުމުގެ ގޮތުން މަދާނީ ދެއްކެވި ވާހަކަފުޅުގައި އޭނާ ވަނީ ސީސީގެ ނަމާއި އެސެބްސީގެ ނަން އޮޅުވާލާފަ އެވެ. އެގޮތުން މަދާނީ ވަނީ ރައީސް އެސެބްސީގެ ފުރިޖުގައި "ފެނަށް ވުރެ ގިނަ އެއްޗެހި ހުންނާނެ ކަން ޔަގީންވާ" ކަމަށް ވިދާޅުވެފަ އެވެ.
އޭގެ ސަބަބުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މަދާނީ އަށް މަލާމަތް ކޮށްފަ އެވެ. (އަލްއަރަބިޔާ)