އިސްލާމިކް ފައިނޭންސިންގެ ދެ ކޯހަކާއެކު ރާއްޖެއަށް މުޅިން އާ ކޯސްތަކެއް ތައާރަފްކޮށް އަންނަ ޖަނަވަރީ މަހުގެ ފުރަތަމަ ސެމިސްޓާގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން ހުޅުވާލައިފި އެވެ.

އަންނަ ޖަނަވަރީ މަހު އައިޔޫއެމް އިން ފަށަން ނިންމާފައިވާ ރާއްޖެއަށް މުޅިން އަލަށް ތައާރަފު ކުރި އިސްލާމިކް ފައިނޭންސްގެ ދެ ކޯހަކީ ޑިޕްލޮމާ އިން އިސްލާމިކް ފައިނޭންސް އަދި އެޑްވާންސް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯ އެވެ.

އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ކޯސް އިފްތިތާހް ކޮށްދިނުމަށްފަހު އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އެކެޑަމިކް، ހައްވާ ލަތީފާ ވިދާޅުވީ، ރާއްޖެއަށް މުޅިން އަލަށް ތައާރަފު ކުރި އިސްލާމިކް ފައިނޭންސިންގެ އެ ދެ ކޯހަކީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އާ ގުޅިގެން ފަރުމާކޮށްފައިވާ ކޯހެއް ކަމަށެވެ.

އަދި އިސްލާމިކް ފައިނޭންސިންގެ ކޯހަކީ ވަރަށް ގިނަ ދަރިވަރުން އެދިއެދި ތިބި ކޯހެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ މީހުން ރާއްޖޭގެ އެކި ވަޒީފާ ތަކަށް ބޭނުންވަމުންދާ ކަމަށެވެ.

އަންނަ ޖަނަވަރީ މަހު އައިޔޫއެމް އިން ރާއްޖެއަށް މުޅިން އަލަށް ފަށަން ނިންމާފައިވާ ކޯސްތަކަކީ ޑޮކްޓާ އޮފް ފިލޯސަފީ އިން ފިގްހު އެންޑް އުސޫލުލް ފިގްހު އަދި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް އެވެ.

އެ ކޯސްތަކުގެ ތެރެއިން ޑޮކްޓާ އޮފް ފިލޯސަފީ އިން ފިގްހު އެންޑް އުސޫލުލް ފިގްހު އަކީ އަންނަ ޖަނަވަރީ މަހު އެ ޔުނިވާސިޓީން ފަށަން ނިންމާފައިވާ ހަމައެކަނި ޕީއެޗްޑީ ކޯހެވެ.

އޭގެ އިތުރުން، އަންނަ އަހަރުގެ ޖަނަވަރީ މަހު މާސްޓާސް ފެންވަރުގެ ފަސް ކޯހަކާއި ޕޯސްޓް ގްރެޖުއޭޓްގެ ކޯހަކާއި ބެޗްލާސް ޑިގްރީގެ އަށް ކޯހެއްގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ ހަ ކޯހަކާއި އެޑްވާންސް ސެޓްފިކެޓްގެ ކޯހެއް ވަނީ ހުޅުވާލާފަ އެވެ.

އަދި ސެޓްފިކެޓް ލެވެލް އާއި ސެޓްފިކެޓް ލެވެލް ތިނެއްގެ ދެ ކޯހަކާއި ސެޓްފިކެޓް ދޭއްގެ ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލް އެކެއްގެ ހަތަރު ކޯހެއް އަދި ވާހަކަ ދެއްކުންތެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހުގެ ލެވެލް އެކެއް ހިމެނެ އެވެ.

އެޑްވާންސް ސެޓްފިކެޓް ކޯސްތަކުގެ ތެރޭގައި ހިމެނޭ ޝަރީއާ އެންޑް ލޯ އަކީ އަންނަ އަހަރުގެ ޖަނަވަރީ ސެމިސްޓާއަށް އެ ޔުނިވާސިޓީން އަލަށް ފަށާ ކޯހެކެވެ.

އެ ކޯސްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އައިޔޫއެމްގެ ޑެޕިއުޓީ ރެޖިސްޓްރާ ހަދީޖަތް އަމަން އިބްރާހިމް ވިދާޅުވީ، އެ ޔުނިވާސިޓީން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ސެމިސްޓާގައި ފަށާ ކޯސްތަކަށް ވަނުމުގެ ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށް ހުޅުވާލާފައިވާނެ ކަމަށެވެ.

އަދި ކޯސްތަކަށް ވަނުމަށް އެދޭ ފޯމް އައިޔޫއެމްގެ ރިސެޕްޝަނުންނާއި އައިޔޫއެމްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.