ދެހާސްފަނަރަ ވަނަ އަހަރުގެ އޮކްޓޫބަރު 24އިން ފެށިގެން މިއަހަރުގެ އޮކްޓޫބަރު 24ގެ ނިޔަލަށް 59 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މަސްތުވާތަކެތީގެ މައްސަލައާ ދެކޮޅަށް ފުލުހުން މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކުގައި 59 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެއީ 37 ކިލޯ ހެރޮއިން އާއި 20 ކިލޯ ކެނަބިހުގެ އިތުރުން ދެ ކިލޯ ކޮކެއިން ކަމަށް ފުލުހުން ބުނެއެވެ.

އޭގެ ތެރެއިން ފާރަ ގެމައިގެ ބޭނުން ހިފައިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި، ރާއްޖޭގެ ނުވަ ސަރަހައްދަކުން މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މިދިޔަ އަހަރު ދުވަސް ތެރޭގައި ފުލުހުންނަށް މަސްތުވާތަކެތީގެ ބޮޑު 72 މައްސަލަ ބަލާފައިވާ ކަމަށާއި، އޭގެ ތެރެއިން 28 މައްސަލައެއް ދައުވާކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލަށް ފޮނުވާފައިވާ އިރު، 20 މައްސަލައެއް ޝަރީޢަތާ ހަމައަށް ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގާފައިވާ އެކިއެކި އޮޕަރޭޝަންތަކުން 159 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިދިޔަ އަހަރު ދުވަސް ތެރޭގައި، 1227.9880 ގްރާމްގެ ކެނަބިސްއާޢި 602.1440 ގްރާމް އޯޕިއޭޓްސްގެ އިތުރުން އެހެނިހެން 199 ބާވަތެއްގެ މަސްތުވާތަކެއްޗާއި، 13 ފޮއިލްކޮޅާއި ހަތް ޕައިޕާއި 1،145 ސެލޯފިންކޮޅު އަދި 2،918 ރަބަރު ޕެކެޓު ނައްތާލާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.