މެގަ މޯލްޑިވްސް އިން އިންޑީއާގެ ވެރިރަށް ނިއު ދިއްލީއަށް ކުރާ ދަތުރުތައް މި މަހުގެ 14 ވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

އެ އެއާލައިނުގެ ތަރުޖަމާން، ޖާވިދު ފައިސަލް މިއަދު "ސަން" އަށް ވިދާޅުވީ ދިއްލީއަށް ކުރާ ސީދާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގަކީ 389 ޑޮލަރު ކަމަށާއި ހަތްފާއަކު ތިން ފްލައިޓު ދިއްލީއަށް އޮންނާނެ ކަމަށެވެ. އަދި ދިއްލީއިން މާލެއަށް ވެސް ހަފްތާއަކު ތިން ފްލައިޓު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު މާލެއިން މެގަ މޯލްޑިވްސްގެ ދަތުރުތައް ދިއްލީއަށް ކުރާނެ އެވެ. އެގޮތުން މި ތިން ދުވަހުގެ ހަވީރު 3:15 ގައި މާލެއިން ފުރާނީ އެ އެއާލައިނުގެ ފްލައިޓު 304 އެވެ.

ދިއްލީ އިން މާލެއަށް ކުރާ ދަތުރުތަކުގައި އުދުހޭނީ އެ އެއާލައިނުގެ ފްލައިޓު 305 އެވެ. މި ފްލައިޓު އޮންނާނީ ހަފްތާގެ ހުކުރު، އަންގާރަ އަދި އާދިއްތަ ދުވަހު އެވެ.

ހުކުރު ދުވަސްތަކުގައި ދިއްލީ އިން ރާއްޖެއަށް އޮންނަ ފްލައިޓު ދިއްލީ އިން ފުރާނީ އެދުވަހުގެ ހެނދުނު 10:00ގައި އެވެ. އަންގާރަ ދުވަހާއި އާދިއްތަ ދުވަހު ދިއްލީއިން ރާއްޖެ އަންނަ ފްލައިޓު ދިއްލީ އިން ފުރާނީ އެ ދެ ދުވަހުގެ ހެނދުނު 8:45 ގައި އެވެ.

މެގަ މޯލްޑިވްސް އިން ބުނި ގޮތުގައި މިދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިނުގެ ފްލީޓުގައި ހިމެނޭ 800-737 މަރުކާގެ ބޮއޭން ބްރޭންޑުގެ ދެ ބޯޓެވެ. މި މަރުކާރުގެ ބޯޓުތަކުގައި ބިޒްނަސް ކްލާސްގެ 12 ސީޓާއި އިކޮނޮމީ ކްލާސްގެ 156 ސީޓު ހިމެނެއެވެ.

މި ޚިދުމަތާ ގުޅިގެން އެ އެއާލައިނުގެ ސީއީއޯ ޖޯޖް ވިން މޭން ވިދާޅުވީ އިންޑިއާއާއި ރާއްޖެއިން މި ޚިދުމަތް ފެށުމަށް ދިން އެއްބާރުލުމާއި ދިން ތަރުހީބާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އެ ދަތުރުތައް ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ދޮރުތައް އިންޑިއާއަށް ހުޅުވާލަން ލިބޭ ފުރުސަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެގަ މޯލްޑިވްސްއިން ނިއު ދިއްލީއަށް ސީދާ ދަތުރުތައް ކުރަން ތައްޔާރުވެފައިވާއިރު އިންޑިއާގެ މުމްބާއީއަށްވެސް ސީދާ ދަތުރު ކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.