01 Nov 2016, 15:53
ވޮޝިންޓަން (ނޮވެމްބަރު 1): އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން އަށް ދުވަހަށް ވެފައިވާ އިރު އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެނޑިޑޭޓުންނަށް ތާއިދު އޮތް މިންވަރުގައި އުޅެނީ ކުޑަ ތަފާތެއް ކަމަށް ހިޔާލު ހޯދުމުގެ ވޯޓުން ދައްކައިފި އެވެ.
އެމެރިކާގެ ތަފާތު އިދާރާތަކާއި މީޑިއާތަކުން ކުރިއަށް ގެންދާ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ބޮޑު ތާއީދެއް އޮތީ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހިލަރީ ކްލިންޓަން އަށެވެ.
ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ގޮތުގައި ހިލަރީ ހުންނެވި އިރު އަމިއްލަ ސާވާއަކުން ފޮނުވި އީމެއިލްތަކެއް އެފްބީއައިއަށް އަނެއްކާ ވެސް ފެނި، އެއީމެއިލްތައް ތަހުގީގު ކުރަން ފަށާފައިވާ ކަން އިއުލާން ކުރުމުން ވޯޓުތަކުން ހިލަރީ ހޯއްދަވާފައިވާ ލީޑު ވަނީ ކުޑަ ވެފަ އެވެ.
އާއީމެއިލްތަކެއް ތަހުގީގު ކުރަން ފަށާކަން އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމީ މިދިޔަ ހުކުރު ދުވަހު އިއުލާން ކުރެއްވުމުގެ ކުރިން ރޮއިޓާސް އިން ހެދި ސާވޭއަކުން ދެއްކި ގޮތުގައި ހިޔާލު ހޯދުމުގެ ވޯޓުން ހިލަރީ އުޅުއްވީ ހަ ޕޮއިންޓު ކުރީގަ އެވެ. ނަމަވެސް އެފްބީއައިގެ އިއުލާނަށް ފަހު މާގިނަ އިރުތަކެއް ނުވެ ދެބޭފުޅުންނަށް ތާއިދު ކުރާ މީހުންގެ ތަފާތު ވަނީ ފަސް ޕޮއިންޓަށް ކުޑަ ވެފައި ކަމަށް ރޮއިޓާސްގެ ސާވޭއިން ދެއްކި އެވެ.
އަދި އެމެރިކާގެ މައި ސާވޭތަކުގެ އެވަރެޖް ހަދާ މީޑިއާ ކުންފުންޏެއް ކަމަށްވާ ރިއަލް ކްލިއާ ޕޮލިޓިކްސް އިން ބުނި ގޮތުގައި ހިޔާލު ހޯދުމުގެ ވޯޓުގައި ހުކުރު ދުވަހު ހިލަރީ އުޅުއްވީ 4.6 ޕޮއިންޓު ކުރީގަ އެވެ. ނަމަވެސް އިއްޔެގެ އެވަރެޖުން ދެއްކި ގޮތުގައި އެތަފާތު ވަނީ މިހާރު 2.5 ޕޮއިންޓަށް ކުޑަވެފަ އެވެ.
އީމެއިލްތަކުގެ ސަބަބުން ހިލަރީގެ ކެމްޕެއިނަށް ލިބުނު ގެއްލުމުގެ ފައިދާ ނެގޭތޯ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޑޮނަލްޑް ޓްރަމްޕް ދަނީ މަސައްކަތް ކުރައްވަމުންނެވެ. ހިޔާލު ހޯދުމުގެ ވޯޓުން ޓްރަމްޕް ކުރިއަށް ޖެހިލާފަައި ވަނީ އަންހެނުންނާ ބެހޭ ގޮތުން އޭނާ ދެއްކެވި ދަށު ދަރަޖައިގެ ވާހަކަތަކެއްގެ އޯޑިއޯ ލީކު ވުމާ ގުޅިގެން، ދެބޭފުޅުންނަށް އޮތް ތާއިދުގެ ތަފާތު އަށް ޕޮއިންޓަ އެރި ފަހުންނެވެ. (ބީބީސީ)