01 Nov 2016, 14:27
އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް 3000 އަށްވުރެ ގިނަ ފުލުހުން ބޭނުން ކުރަން ނިންމަިއިފި އެވެ.
އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންނާއި އިލެކްޝަން އާއި މެދު މިއަދު ވަނީ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ.
ފުލުހުންގެ ސެންޓަރަލް އޮޕަރޭޝަން ކޮމާންޑަރު ހަމްދޫން ރަޝީދު ވިދާޅުވީ އިންތިހާބުގެ ކުރިން ވާންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމާއި އިންތިހާބް އޮންނަ ދުވަހު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 3000 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ޕޮލިސް ފޯސް ބާލައިގެން މުޅި ރާއްޖެ އެއްކޮށް ހަރަކާތްތެރިވާނީ،" ހަމްދޫން ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސަތަފާ ވިދާޅުވީ އެއެއްބަސްވުމުގެ ދަށުން ގާނޫނީ ގޮތުން އިލެކްޝަންއިން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
އެގޮތުން އިންތިހާބަށް ހުރަސް އެޅުމަށް ހިންގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ފުލުހުން އެހީތެރިވާއިރު އިލެކްޝަނުން އެންމެ ބޮޑު އިސްކަމެއް ދޭނީ އަމާންކަމާ އޮމާންކަމާއެކު މިނިވަން އިންތިހާބެއް ބޭއްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިވެހި ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލާ އެ އިންތިހާބުގައި 470 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.