01 Nov 2016, 13:14
ހުޅުމާލޭގައި ހުންނަ "ފިޔަވަތި"ގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ފަސް މަހުގެ ކުއްޖާގެ މަންމަ ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ކުއްޖާގެ މަންމަ ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ދިވެހި ނޫހެއްގައި އިއްޔެ ލިޔުނު ހަބަރެއް ދޮގުކޮށް ފުލުހުން މިއަދު ބުނީ އެ ތުއްތު ކުއްޖާގެ މަންމަ، ފުލުހުން ތަހުގީގު ކުރަމުންދާ އެއްވެސް މައްސަލައަކާ ގުޅިގެން މިވަގުތު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
"އޭނާ މިވަގުތު ފުލުހުންގެ ބަންދުގައި އެއްވެސް ތަނެއްގައި ނެތް،" ފުލުހުން ބުންޏެވެ.
ހުސްވި މަހު 17 ވަނަ ދުވަހު އެ ފަސް މަހުގެ ކުއްޖާ ނޭވާލުމުގައި ދަތިތަކެއް އުޅޭތީ ފުލުހުންނަށް ހުށައެޅުމުން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ އިރު ވަނީ މަރުވެފަ އެވެ.
ކުއްޖާގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިހާރު ވަނީ ވަޅުލައިފަ އެވެ.
ކުއްޖާގެ ސިއްހީ ހާލަތާއި ކަން ހިނގާދިޔަ ގޮތުގެ ތަފްސީލެއް މިހާތަނަށް އާންމެއްނުކުރެ އެވެ.