01 Nov 2016, 13:08
އިސްލާމްއާބާދު (ނޮވެމްބަރު 1): އާއްމުކޮށް ނުފެންނަ ވައްތަރެއްގެ ލޭގެ ޓައިޕް ހުރި ތެލެސީމިއާ ކުއްޖަކަށް ލޭ ހަދިޔާ ކުރެވޭނެ މީހަކު ހޯދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފް ގޮވާލައްވައިފި އެވެ.
އޭއެފްޕީގައިވާ ގޮތުން އެހީ ވުމަށް ބޮޑުވަޒީރު ގޮވާލެއްވީ ކުއްޖާއަކީ ޕާކިސްތާނުގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ބްލަޑް ޑިޒީސެސް ކަރާޗީން ފަރުވާ ހޯދަމުން އަންނަަ، އަފީފާ އަޔާޒް ނަމަކަށް ކިޔާ 10 އަހަރުގެ ކުއްޖެކެވެ. އެކުއްޖާގެ ބްލަޑް ޓައިޕަކީ މަދުން ނޫނީ ނުފެންނަ އެޗްއެޗް ނުވަތަ ބޮމްބޭ ބްލަޑް ގްރޫޕެވެ.
އެހެންކަމުން އެކުޑަކުއްޖާއަށް ލޭ ނުވަތަ ބޯން މެރޯ ހަދިޔާ ކުރާނެ މީހަކު ހޯދުމަށް ދަތިތަކާ ކުރި މަތިލާން ޖެހިފައިވާ ކަމަށް ބޮޑުވަޒީރު ފާހަގަ ކުރެއްވި އެވެ. އަދި ބޮޑުވަޒީރުގެ ޕަބްލިކް އެފެއާސް އެންޑް ގްރީވިއެންސެސް ވިންގުން ވަނީ ބޮމްބޭ ބްލަޑް ޓައިޕް ހުރި މީހުން ވިހާ ވެސް އަވަހަށް ލޭ ހަދިޔާ ކުރުމަށް އެދިފަ އެވެ.
ޕާކިސްތާނުގެ މީޑިއާ ރިޕޯޓުތަކުގައިވާ މުޅި ގައުމުން ވެސް ބޮމްބޭ ބްލަޑް ޓައިޕް ހުރީ 14 މީހެއްގެ ގައިގަ އެވެ. އޭގެ ތެރެއިން ހަތް މީހަކު އުޅެނީ ކަރާޗީގައި ކަމަށް އެރިޕޯޓުތަކުގައިވެ އެވެ. އަދި އަފީފާއަކީ ކަރާޗީން ބޮމްބޭ ބްލައިޑް ޓައިޕް ހުރި ފުރަތަމަ ތެލެސީމިއާ ޕޭޝެންޓު ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.
"ބޮމްބޭ ބްލަޑް ޓައިޕް ހުންނަ މީހުންގެ ހަށިގަނޑަށް އެޅޭނީ ހަމައެކަނި އެ ބްލަޑް ޓައިޕް ހުންނަ ފަރާތްތަކުގެ ލޭ. ޔުނިވާސަލް ޑޯނާ ކަމަށްވާ އޯ ޕޮޒިޓިވް ލެއެއްވެސް ނޭޅޭނެ. އެހެން ބާވަތެއްގެ ލޭ އަޅައިފި ނަމަ ލޭގެ ސެލްތައް ހަލާކު ވާނެ،" އަފީފާގެ ބައްޕަ ވަޖާހަތް އަޔާޒު ބުންޏެވެ.
އަޔާޒު ބުނި ގޮތުގައި ސިއްހީ މާހިރުން ވަނީ އަފީފާގެ މަންމަގެ ބޯން މެރޯ ބޭނުންކޮށްގެން އެކުއްޖާއަށް ބޯން މެރޯ ޓްރާންސްޕްލާންޓެއް ހެދުމަށް ލަފާ ދީފަ އެވެ. ނަމަވެސް ދެމައިންގެ ބޯން މެރޯ 100 ޕަސެންޓަށް މެޗް ނުވާނަމަ ކުއްޖާގެ ސިއްހަތަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ވެސް ޑޮކްޓަރުން ދިން ކަމަށް އަޔާޒު ފާހަގަ ކުރި އެވެ.
ބޮމްބޭ ބްލަޑް ޓައިޕް އަކީ އިންޑިއާގެ ބޮމްބޭ ނުވަތަ މުމްބާއީ އިން 1952 ވަނަ އަހަރު ފުރަތަމަ ފެނުނު ބްލަޑް ޓައިޕް އެކެވެ. (އޭއެފްޕީ)