12 Jun 2011, 11:41
ނެށުމަކީ ދީނީ ގޮތުން ހިޔާލު ތަފާތުވެފައިވާ ކަމަކަށް ވާއިރު ރައީސް ނަޝީދު ތޮއްޑޫގައި ބޭއްވި ޖަލްސާގައި ނެއްޓެވުމުން އެކަމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނުމަކީ ސިޔާސީ ބޭނުމެއްގައި އަދާލަތުން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ވިދާޅުވީ ރައީސް ނަޝީދަކީ އުފާފާޅުކުރުމުގެ ހަފުލާތަކުގައި ބައިވެރިވެ ވަޑައިގެން ނެއްޓެވި ހަމައެކަނި ގައުމެއްގެ ރައީސް ނޫން ކަމަށާއި ދުނިޔޭގެ ވަރަށް ގިނަ ގައުމުގެ ވަރަށް ގިނަ ލީޑަރުން ވެސް އުފާފާޅުކުރުމުގެ ހަފުލާތަކުގައި ނައްޓަވާ ހައްދަވާފައި ވާކަމަށެވެ.
"އެބޭފުޅުން ހަމަ މިހާރުވެސް ގޫގުލް ކޮއްލެއްވީމާ ފެނިވަޑައިގަންނަވާނެ ސައުދީ ރަސްގެފާނު ވެސް އުފާފާޅުކުރުމުގެ ހަފުލާތަކުގައި ހާއުފާވެރިކަމުގައި ނައްޓަވާ ހައްދަވާފައި ހުނަންތަން. އެޔަކީ އެއްގޮތަކަށް ވެސް އެބޭފުޅުން (އަދާލަތު ޕާޓީ) ދެކެވަދައިގަންނަވާ ގޮތަށް އޮތް ކަމެއް ނޫން. އެއީ އެބޭފުޅުން ސިޔާސީ ބޭނުން ފުޅެއްގައި ދައްކަވާ ވާހަކަފުޅެއް،" ޒުހައިރު ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އެމްޑީޕީ އާއި ގުޅުމުގެ އުފަލުގައި އއ. ތޮއްޑޫގައި މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރީކޯ މޫސަ ލަވަ ވިދާޅުވުމުން ރައީސް ނަޝީދު ނެއްޓެވުމުން ދީނީ ދަންނަ ބޭކަލުންނަށް ނިސްބަތްވާ އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެއީ ސުލޫކީ ގޮތުން ދަށް ފެންވަރުގެ މަންޒަރުތަކެއް ކަމަށާއި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެން، އަންހެނުންނާއި ފިރިހެނުން މަސްހުނި ގޮތުގައި ޑީޖޭގެ ސްޓައިލަށް ނައްޓަވައި ހެއްދެވުމަކީ އިސްލާމީ ހުދޫދުތަކާއި، އަޚުލާގީ މިންގަނޑުތަކާއި އަދި ދިވެހި ޤައުމުގެ ވެރިކަމުގެ ކަރާމަތް ވެއްޔާ މޮޑެލުން ކަމަށެވެ.
އެވާހަކަތަކަށް ރައްދުދެއްވައި ޒުހައިރު ވިދާޅުވީ ނެށުމަކީ ދީނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށް ލަފާދޭ ދީނީ އިލްމްވެރިން ސަރުކާރުގައި އެބަތިބި ކަމަށާއި އެއީ ހިލާފު މައްސަލައެއް ކަމަށެވެ.
"އެއީ އެބޭފުޅުން އެ ވިދާޅުވާ ގޮތަށް އޮތް ކަމެއް ނޫންކަމަށް ލަފާދެއްވާ ދީނީ އިލްމްވެރިން އެބަ ތިއްބެވި. ދީނީ އިލްމްވެރިންގެ މެދުގައި ވެސް ހިޔާލުތަފާތު ކަމެއްގައި އެގޮތަށް އެވާހަކަ ދައްކަނީ ސިޔާސީ ބޭނުމެއްގައި،" ޒުހައިރު ވިދާޅުވި އެވެ.
ސަރުކާރާއިއެކު ކޯލިޝަނެއްގައި އޮތް އަދި އިސްލާމިކް މިނިސްޓްރީ ކޮންޓްރޯލް ކުރައްވާ އަދާލަތު ޕާޓީއަށް ޒުހައިރުވަނީ އެފަދަ ވާހަކަތަށް ސިޔާސީ ބޭނުމެއްގައި ނުދެއްކުމަށް އިއުތިމާސް ކުރައްވާފަ އެވެ.
"އެއީ އެކަމުގައި އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑުމެން އިހުތިރާމް ކުރަން. އެގޮތަށް ދެކެވަޑައިނުގަތުމަށް އަޅުގަނޑުމެން އިއުތިމާސް ކުރަން،" ޒުހައިރު ވިދާޅުވި އެވެ.