ގދ. ތިނަދޫގެ މިސްކިތްތަކުގައި ގެންގުޅޭ މުދިމުންނާއި ޚަތީބުންނަށް އިސްލާމިކް މިނިސްޓްރީން މުސާރަ ނުދޭ ކަމަށް ބުނެ އެރަށު ކައުންސިލުން އެ މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި އެވެ.

ތިނަދޫ ކައުންސިލްގެ ހަތް މެމްބަރުން ސޮއިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ރަށުގެ މިސްކިތްތައް ބެލެހެއްޓުމާ ގުޅޭ ގޮތުން އެ މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކައުންސިލްގެ ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިނިސްޓްރީން ކުރުމަށް އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރެއިން، އެރަށު މިސްކިތްތަކުގައި ގެންގުޅޭ މުދިމުންނާއި ޚާތިބުންނަށް މިނިސްޓްރީން މުސާރަ ނުދޭތާ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަ މަސް ހަމަވެފައިވާކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މުދިމުންނާއި ޚަތީބުންނަށް މުސާރަ ނުދޭ މައްސަލައިގެ އިތުރުން، މިސްކިތްތައް ފޮޅައި ސާފު ކުރުމުގެ ޚަރަދުގެ ބިލްތައް މިނިސްޓްރީއަށް ފޮނުވަމުންދާއިރު ވެސް އެ ބިލްތަކަށް ފައިސާ ނުލިބޭތާ ވެސް ހަ މަސް ދުވަސް ވެފައިވާ ކަަމަށް ތިނަދޫ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

"ބިލުތަކަށް ފައިސާ ނުލިބޭތީ ތިނަދޫގެ އެއްވެސް ފިހާރައަކުން އަދި އެއްވެސް ކޮންޓްރެކްޓަރަކު ތިނަދޫ ކައުންސިލަށް ކްރެޑިޓަށް ޚިދުމަތާއި މުދަލާއި ތަކެތި ދިނުން ހުއްޓާލާފައިވާތީ އެ އެއްބަސްވުމުގެ 3ގެ 3.2 އަށް ރިއާޔަތްކޮށް އެ އެއްބަސްވުން ބާތިލް ކުރުމަށް 30 އޮކްޓޯބަރު 2016 ވަނަ ދުވަހު ތިނަދޫ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.،" ކައުންސިލްގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، އެ އެއްބަސްވުން ބާތިލް ކުރި ނަމަވެސް، މިއަހަރުގެ ކުރިއަށް އޮތް ތިން މަސް ދުވަސް ނިމެންދެން މިސްކިތްތައް ފޮޅައި ސާފު ކުރުމާއި ދިއްލުމަށް ބޭނުންވާ އަސާސީ ތަކެތި އެކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ހޯދުމަށް ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.