އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓާސް ލިސްޓަށް ގެނައި ބަދަލުތައް ގެޒެޓްކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން އަލުން ހުޅުވާލައިފި އެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ގެޒެޓް ކޮށްފައިވާ ވޯޓާސް ލިސްޓަކީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ވޯޓާސް ލިސްޓަށް ލިބުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތަކެވެ.

އިލެކްޝަން ކޮމިޝަނުން މިދިޔަ އާދީއްތަ ދުވަހު ބުނީ، އަލުން އާއްމުކުރި ވޯޓާސް ލިސްޓު ގެޒެޓުގެ އިތުރުން އެ ކޮމިޝަނުގެ ވެބްސައިޓާއި، ރަށު ކައުންސިލުތަކުގެ އިދާރާއިން އާންމުކޮށް ފެންނަން ހުންނާނެ އެވެ.

އޭގެ އިތުރުން (VR Space ID No) ޖެއްސުމަށް ފަހު 1414 އަށް އެސްއެމްއެސް ކޮށްގެން ވެސް ބެލޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހަޅަން އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައި ވަނީ މިމަހުގެ ތިނެއްވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހުގެ 2:00 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ.

މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަންގެ އިދާރާއިން ޝަކުވާ ބަލައިގަންނަ ގޮތަށް ހަމަޖައްސާފައިވާ އިރު ޝަކުވާ ފޯމް، ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.

މިފަހަރު ޖުމުލަ 259 ކައުންސިލަކުން 651 ކައުންސިލަރުން ހޮވުމަށް ވަނީ ނިންމާފަ އެވެ. އޭގެތެރޭގައި 179 ރަށު ކައުންސިލުން 561 ކައުންސިލަރުން އަދި 19 އަތޮޅު ކައުންސިލުން 57 ކައުންސިލަރުން ހޮވުމަށް ވަނީ ނިންމާފަ އެވެ. ފުވައްމުލަކާ އެކު ތިން ސިޓީ ކައުންސިލަކުން 23 ކައުންސިލަރުން ހޮވުމަށް ވެސް ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަނީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހެއް ގެނެސްފައެވެ. އަދި އެ އިސްލާހު ރައީސް އަބްދުﷲ ޔާމީން ވަނީ ތަސްދީގު ވެސް ކުރައްވާފަ އެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ރަޖިސްޓްރީ ވެފައިވާ އާބާދީގެ 3000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ތިން މެމްބަރުން ކަމަށެވެ.

ރަޖިސްޓްރީވެފައިވާ އާބާދީގެ 3000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގައި ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ފަސް މެމްބަރުން ކަމަށެވެ.

ގާނޫނުގައި ކުރިން ބުނެފައި ވަނީ އާބާދީގައި 3000 މީހުންނަށް ވުރެ މަދު އާބާދީއެއް އޮންނަ ރަށު ކައުންސިލުތަކަށް ފަސް މެމްބަރުން މަދުވެގެން އައްޔަން ކުރަންވާނެ ކަމަށެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނީ ރަޖިސްޓްރީވެފައިވާ އާބާދީގެ 10،000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ނުވަ މެމްބަރުން ކަމަށެވެ. ނަމަވެސް ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ތިން މެމްބަރުން ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މަޖިލީހުން ފާސްކޮށް ރައީސް ޔާމީން ތަސްދީގު ކުރެއްވި އެ އިސްލާހުގައި ބުނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި އެ އިދާރީ ދާއިރާއަކުން އަތޮޅު ކައުންސިލަށް މެމްބަރުން އިންތިހާބުކުރާއިރު ދެ އިންތިހާބީ ދާއިރާއަކަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެމްބަރު ކަމަށެވެ.

އަދި ދެ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ މުޅި އަތޮޅުން އިންތިހާބުކުރެވޭ ތިން މެމްބަރުން ކަމަށެވެ.