ވޯލްޑް ކަޕް ޓްރޮފީ ތައާރަފްކުރި ސިލްވިއޯ ގައްޒަނިއްގާ، އުމުރުން 95 އަހަރުގައި މަރުވެއްޖެ އެވެ.

ގައްޒަނިއްގާގެ ދަރި ޖޯޖިއޯ މައުލޫމާތުދިން ގޮތުގައި، އޭނާގެ ބައްޕަ މަރުވެފައި ވަނީ މިލާންގައި ދިރިއުޅެމުންދާ އަމިއްލަ ގޭގަ އެވެ.

"ނިދުމަށް ފަހު ބައްޕަ ހޭލާފައެއް ނުވޭ. ބައްޕަ ވަނީ ދާދި ފަހުން ހޮސްޕިޓަލުގައި އާދައިގެ ބަލިތަކަކަށް ފަރުވާ ހޯދާފައި،" އެސޯސިއޭޓެޑް ޕްރެސް(އޭޕީ) އަށް ދިން އިންޓަވިއުއެއްގައި ގައްޒަނިއްގާގެ ދަރި ޖޯޖިއޯ ބުންޏެވެ.

ސިލްވިއޯ ގައްޒަނިއްގާ، ވޯލްޑް ކަޕްގެ ޓްރޮފީ ފަރުމާކޮށް އުފައްދާފައި ވަނީ 1971 ވަނަ އަހަރު އެވެ. އެއީ މިހާރު ވެސް ވޯލްޑް ކަޕްގައި ބޭނުންކުރަމުންދާ ޓްރޮފީ އެވެ. ގައްޒަނިއްގާ ޓްރޮފީ ފަރުމާކޮށްފައި ވަނީ ބުުރެޒިލުން ތިން ވަނަ ފަހަރަށް 1970 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމާ އެކު އެ ގައުމަށް ކުރިން ބޭނުންކުރަމުން ދިޔަ ޖޫލްސް ރިމެޓް ޓްރޮފީ ދިނުމުންނެވެ.

"ވޯލްޑް ކަޕް ޓްރޮފީ އަކީ ފުޓްބޯޅަ ކުޅުންތެރިން އަދި ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނަށް ވަރަށް ހާއްސަ އެއްޗެއް. ގައްޒަނިއްގާ މަރުވުމާ ގުޅިގެން އޭނާގެ އާއިލާ އަށް ތައުޒިޔާ ފޮނުވައި، ހިތާމައިގައި ބައިވެރިވަން،" ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ވިދާޅުވި އެވެ.

ވޯލްޑް ކަޕް ޓްރޮފީ ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި އޭރު ހަތް ގައުމަކުން 53 ޕްރޮޕޯސަލެއް ހުށަހެޅި އެވެ. ގައްޒަނިއްގާ 2002 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި، އޭނާ އެ ޓްރޮފީ ފަރުމާކުރީ 'ހީރޯއިސަމް'ގެ ހަދިޔާއެއްގެ ގޮތުގައި ކަމަށެވެ.