01 Nov 2016, 12:14
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ މިލްކިއްޔާތުގައި 5.5 މިލިއަން ރުފިޔާ އަދި އިނގިރޭސިވިލާތުގައި ގެެއެއް ހުންނަކަން ހާމަވެއްޖެ އެވެ.
އެކަން ހާމެވެފައި ވަނީ ޝާހިދު ޓުވިޓާ މެދުވެރިކޮށް އާންމު ކުރެއްވި އޭނާގެ މާލީ ބަޔާނުންނެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ހުރިހާ މެމްބަރުން ވެސް މި އަހަރުގެ މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަންޖެހެ އެވެ.
މާލީ ބަޔާނުގައިވާ ގޮތުން އޭނާގެ މިލްކިއްޔާތުގައި ރަޖިސްޓްރީ ކޮށްފައިވާ ތަކެތީގެ ތެރޭގައި ހ. ރަބީއީމަންޒިލް އާއި އިނގިރޭސިވިލާތުގެ ޕާކްރޯޑުގައި ހުންނަ ޕްރެސްޓަންގައި އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގެއެއް ހިމެނެ އެވެ. އޭނާގެ މިލްކިއްޔާތުގައި ކާރެއް ވެސް އޮންނަ ކަމަށް މާލީ ބަޔާނުގައިވެ އެވެ.
އޭނާގެ އަމިއްލަ ނަމުގައިކުރާ އެއްވެސް ވިޔަފާރިއެއް ނެތް ކަމަށް މާލީ ބަޔާނުގައި ބުނެފައިވެ އެވެ.
ސާމްސް އިންވެސްޓްމަންޓް އެންޑް މެނޭޖްމަންޓް ޕލކގައި 33 ޕަސެންޓް ހިއްސާ އޮންނަ އިރު، އެސްޓީއޯ އާއި އެމްޓީޑީސީގައި 100 ހިއްސާ އޮންނަ ކަމަށް މާލީ ބަޔާނުގައިވެ އެވެ. އަދި އެމްޓީސީސީގައި 12 ހިއްސާ އާއި ބޭންކް އޮފް މޯލްޑިވްސްގައި 50 ހިއްސާ އޮންނަ ކަމަށް ވެސް މާލީ ބަޔާނުގައިވެ އެވެ.
----
ނޯޓު މި ހަބަރު ކުރިން ރިޕޯޓް ކުރި އިރު، ޝާހިދުގެ މިލްކިއްޔާތުގައި 4.5 މިލިއަން ޑޮލަރު ހުރި ކަމަށް ރިޕޯޓް ކުރެވުނީ، މިލްކިއްޔާތުގައި ހުރި ބޭރު ފައިސާ އާއި ދިވެހި ފައިސާ ދެގޮޅީގައި ޖަހާފައިވުމުންނެވެ. އެ ކުށަށް ޝާހިދުގެ ކިބައިިންނާއި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ. -- އެޑިޓަރު