01 Nov 2016, 11:31
އާސެނަލުން އެންމެ އިސްކަމެއް ދޭނީ ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ އެއް ވަނާގައި ނިންމާލުމަށް ކަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
މިވަގުތު އާސެނަލް އޮތީ ގޯލްގެ ތަފާތުން 'ގްރޫޕް އޭ'ގެ އެއް ވަނައިގަ އެވެ. އާސެނަލާއި ދެ ވަނައިގައި އޮތް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން(ޕީއެސްޖީ) އަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޗެމްޕިއަންސް ލީގުގައި އާސެނަލް މިރޭ ނުކުންނަން ޖެހޭނީ ބަލްގޭރިއާގެ ލުޑޮގޮރެޓްސްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެ ނަމަ، އާސެނަލަށް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ.
"އަހަރެމެން ފުރަތަމަ އެންމެ އިސްކަމެއް ދޭނީ އެއް ވަނައިގައި އޮވެ، ގްރޫޕް ސްޓޭޖް ނިންމާލުމަށް. އަހަރެމެން ޕީއެސްޖީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެފިން. ދެން އެޓީމާ ދެކޮޅަށް އަހަރެމެން ނުކުންނަން ޖެހޭނީ އަމިއްލަ ދަނޑުގައި. އަހަރެމެންނަށް ގްރޫޕްގެ އެއް ވަނަ ލިބިދާނެ ކަމުގެ ރަނގަޅު ފުރުސަތެއް އެބައޮތް،" އާސެނަލްގެ ކޯޗު ވެންގާ ބުންޏެވެ.
ވެންގާ ބުނީ، އެއް ވަނާގައި އޮވެ ނިންމާލައި، ގަދަ 16ގެ ދެ ވަނަ ލެގު މެޗު އަމިއްލަ ދަނޑުގައި ކުޅެން ލިބުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އޭރުން އަމިއްލަ ދަނޑުގައި ކުރަން ޖެހޭ މަސައްކަތް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އިތުރު ވަގުތު ނުވަތަ ޕެނަލްޓީއަށް ދާން ޖެހިއްޖެ ނަމަ، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ކުޅެން ލިބުމަކީ ބޮޑު ފައިދާއަކަށް ވާނެ ކަމަށް ވެސް އޭނާ ބުނެ އެވެ.
"އެއް ވަނައިގައި ނިންމާލެވެން އޮތް ނަމަ، ދެ ވަނައިގައި ނިންމާލުމުގެ ބޭނުމަކީ ކޮބާ؟ ދެ ވަނައިގައި އޮވެ، ނިންމާލުމުން ލިބުނު ގެއްލުން އަހަރެމެންނަށް ކުރިން ތަޖުރިބާ ކުރެވުނު. ބާސެލޯނާ ނުވަތަ ބަޔާން މިއުނިކާ ކުޅެން ޖެހުމުން. އެހެންކަމުން އެއް ވަނައިގައި ނިންމާލުން މުހިންމު،" ވެންގާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ލުޑްގޮރެޓްސްއާ ދެކޮޅަށް ރަށުން ބޭރުގައި ރާއްޖޭގަޑިން މިރޭ 12:45 ގައި އާސެނަލް ނުކުންނާނެ އެވެ.