މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްއާ ދިމާކޮށް، 250 ޑޮލަރުގެ ރިޓާން ފެއާއެއްގައި ދިއްލީއަށް ސްޕެޝަލް ފްލައިޓެއް ބޭއްވުމަށް މޯލްޑިވިއަނުން ނިންމައިފި އެވެ.

މޯލްޑިވިއަން އިން ބުނީ އެ ފްލައިޓަކީ ފޯރަމާ ދިމާކޮށް ބާއްވާ ފްލައިޓަކަށްވީ ނަމަވެސް އެ ފްލައިޓުގައި ދިއްލީއަށް ދަތުރުކުރުމުގެ ފުރުސަތު އާންމުންނަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ.

އެ ފްލައިޓު މާލެއިން ފުރާނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 08:00ގައި އެވެ. ރިޓާން ފްލައިޓު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު މެންދުރު 12:30ގައި އެވެ.

މޯލްޑިވިއަން އިން ބުނީ މި ދަތުރުގައި ބޭނުން ކުރާނީ އެ އެއާލައިނުގެ ފްލީޓުގައި ބޭނުން ކުރާ އެއާބަސް 321 މަރުކާގެ ބޯޓު ކަމަށެވެ.

މޯލްޑިވްސް އިންވެސްޓާ ފޯރަމާ ދިމާކޮށް އެ އެއާލައިނުން ސްޕެޝަލް ފްލައިޓެއް ދިއްލީއަށް ބާއްވަން ނިންމާފައިވާއިރު، އެ އެއާލައިނަކީ އެ ފޯރަމްގެ ރާއްޖޭގެ ޓްރެވަލް ޕާޓްނަރެވެ.

މިމަހުގެ 21 ވަނަ ދުވަހު، އިންޑިއާގެ ވެރިރަށް، ނިއު ދިއްލީގައި ފަށާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖެއިން ބާއްވާ އެފަދަ ތިން ވަނަ ފޯރަމެވެ. އެންމެ ފުރަތަމަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް އޮތީ 2014 ވަނަ އަހަރު، ސިންގަޕޫރުގެ މެރީނާ ބޭ ސޭންސްގަ އެވެ. މިދިޔަ އަހަރުގެ ފޯރަމް ބޭއްވީ ޗައިނާގެ ބެއިޖިންގަ އެވެ.