މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް 786 ވެހިކަލް ބާއްވާފައިއެބައޮތް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ސެންޓަރަލް އޮޕަރޭޝަން ކޮމާންޑަރު ހަމްދޫން ރަޝީދު ސަންއަށް ވިދާޅުވީ، މާލޭގެ މަގުތަކުގައި ރަޖިސްޓްރީ ނުކުރާ 154 ވެހިކަލް ބާއްވާފައި އޮތް އިރު ހަލާކުވެ ބޭނުން ނުކުރާ 366 ސައިކަލް ހުރި ކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހަތަރު ފުރޮޅުލީ 266 ވެހިކަލް އެބައޮތް ކަމަށް ހަމްދޫން ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ދާއިމީކޮށް ޕާކްކުރާ ތަނަކަށް މަގުތައް ހެދުމަކީ މަގުތައް ތަރުތީބު ކުރުމަށް ފުލުހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ. އެ މައްސަލަ ބޮޑުވެ ކަމާ ބެހޭ ފަރާތްތަކަށް އެތައް ފަހަރެއްގެ މަތިން އެކަން އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕާކިން ޒޯނެއްގައި ސައިކަލުތަކެއް ޕާކު ކޮށްފައި: ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކަމާބެހޭ ފަރާތްތަކަށް ފުލުހުން ހުށައަޅައިފިން، އެކަމަކު ހައްލެއް ނާދޭ، އަދި މިހާރު ވެސް އެކަންކަން ތަކުރާރުކޮށް ހިނގަމުން އާދޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދުގެ ހަތަރު ވަނަ މާއްދާގެ "ރ"ގައި ބުނާ ގޮތުން އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންކުރާ ސައިކަލް ފިޔަވައި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދޭނީ އެ އުޅަނދެއް ބާއްވާނެ ގަރާޖެއްގެ ލިޔުން އެގަރާޖެއްގެ ވެރިފަރާތުގެ ހުއްދައާ އެކު ހުށައެޅުމުން ކަމަށެވެ.

ގަރާޖުތަކަށް ހުއްދަ ދިނުމުގައި ކޮރަޕްޝަންގެ އެތައް ކަމެއް ހިނގާ ކަމަށް ތުހުމަތުކުރެވޭ އިރު ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ''ސަން'' އަށް ވިދާޅުވީ، ގަރާޖުތަކުގައި ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދެނީ އުސޫލާ އެއްގޮތަށް ކަމަށާއި ގިނަ ގަރާޖުތައް ހުރީ އުސޫލާ އެއްގޮތަށް ކަމަށެވެ.

ޓުރާންސްޕޯޓް އޮތޯރިޓީން އެހެން ބުނި ނަމަވެސް އުސޫލާ އެއްގޮތަށް ޕާކްކޮށް ބޭނުންކުރަމުން އަންނަނީ މަދު ގަރާޖެކެވެ. ގިނަ ވެހިކަލްތައް ޕާކްކުރަނީ މަގުތަކުގަ އެވެ. ނަތީޖާއަކީ މަގުތައް ތޮއްޖެހުމެވެ.