އޮޕަރޭޝަންތައް ފެށިތާ ނުވަ އަހަރަށް ފަހު، ސްރީލަންކާގެ ބަޖެޓު އެއާލައިންމިހިން ލަންކާހުއްޓާލައި، އެ އެއާލައިންގެ ހުރިހާ މުދަލަކާއި ދަރަންޏާއި ދަތުރުކުރާ މަންޒިލުތައް، އެގައުމުގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސްގެ ދަށަށް ބަދަލުކޮށްފި އެވެ.

ސްރީލަންކާގެ ސަރުކާރުން ނިންމާފައި ވަނީ، މިހިން ލަންކާ ދަރަނިވެރިވެ، ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާތީ އޮކްޓޫބަރު މަސް ނިމުމާ އެކު އެ އެއާލައިން ހުއްޓާލުމަށެވެ.

ސްރީލަންކާގެ ނޭޝަނަލް އެންޓަޕްރައިޒް ޑިވެލޮޕްމެންޓުގެ ޑެޕިއުޓީ މިނިސްޓަރު އެރަން ވިކްރަމަރަތުނަ އިއްޔެ ވިދާޅުވީ، މިއީ ސްރީލަންކަން އާއި މިހިން ލަންކާ އެއްކޮށްލުން ނޫން ކަމަށާއި، މިއީ މިހިން ލަންކާ ސްރީލަންކަންގެ ދަށަށް ބަދަލުކުރުން ކަމަށެވެ. އަދި މިހިން ލަންކާގެ ލައިސަންސް ކެންސަލް ނުކުރާނެ ކަމަށާއި، ނަމަވެސް އެ ލައިސަންސް ލަންކާ ސަރުކާރާ ހަވާލު ކުރެވިގެން ދާނެ ކަމަށެވެ.

ލަންކާ ސަރުކާރުން ނިންމާފައިވަނީ މިހިން ލަންކާގެ މުވައްޒަފުންނާއި މުދާތައް ސްރީލަންކަންގެ ދަށަށް ބަދަލު ކުރުމަށެވެ. އެގޮތުން، މިހިން ލަންކާގެ ބޯޓުތަކުގައި ސްރީލަންކަންގެ ލޯގޯ ޖަހައި، ބޭނުންކުރާނީ ސްރީލަންކަންގެ ފްލައިޓުތަކެއްގެ ގޮތުގައެވެ. އަދި މިހިން ލަންކާ މީގެ ކުރިން ދަތުރުކުރި، ސްރީލަންކަން ދަތުރުނުކުރާ މަންޒިލުތަކަށް ސްރީލަންކަންއިން ޚިދުމަތް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިހިން ލަންކާގެ ދަރަނިތަކަށް ވެސް ޒިންމާވާނީ ސްރީލަންކަން އެއާލައިންސްއެވެ.

މިހިން ލަންކާ ހުއްޓާލުމާ ހަމައަށް އެ އެއާލައިނުން ދަތުރުކުރި މަންޒިލުތަކަކީ ރާއްޖޭގެ ވެރިރަށް މާލެ، ބަންގްލަދޭޝްގެ ޑާކާ، ބަހްރައިން، އިންޑިއާގެ ޗެންނާއީ، ކޮލްކަޓާ، މަޑޫރާއި، އިންޑޮނޭޝިއާގެ ޖަކާޓާ، އޮމާންގެ މަސްކަޓް، ސީޝެލްސްގެ މާހޭ އަދި އެއާލައިންގެ މައި ހަބް، ކޮލޮމްބޯއެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރ މިހިންއިން މީގެ ކުރިން ދަތުރުކުރި، ސްރީލަންކަންއިން ވެސް ޚިދުމަތްދޭ މަންޒިލުތަކަށް އިތުރު ޑިމާންޑު އޮތް ނަމަ، އެ އެއާލައިންގެ ބޮޑެތި ފްލައިޓުތައް އެ މަންޒިލުތަކަށް ބޭނުންކުރާނެ ކަމަށެވެ.

މިހިން ލަންކާގެ އޮޕަރޭޝަންތައް މުޅިން ހުއްޓާލުމާ ދިމާލަށް ދާ އިރު، އެ އެއާލައިންގެ ފްލީޓުގައި އޮތީ ހަތަރު އެއާކްރާފްޓެވެ. އެއީ އެއާބަސް އޭ321ގެ ދެ ބޯޓާއި، އެއާބަސް އޭ320ގެ ބޯޓަކާއި އެއާބަސް އޭ319ގެ ބޯޓެކެވެ.

މިހިން ލަންކާ 2007 ވަނަ އަހަރު އުފެއްދީއްސުރެ، މިއަދާ ހަމައަށް އެ އެއާލައިނަށް މާލީ ގޮތުން ފައިދާއެއް ކޮށްފައި ނުވެއެވެ. މިއަހަރު ފެށުނު އިރު މިހިން ލަންކާގެ މާލީ ގެއްލުމުގެ އަދަދު ހުރީ 17 ބިލިޔަން ލަންކާ ރުޕީސްގައެވެ. އެއީ 116 މިލިޔަން ޑޮލަރެވެ. އެހެން ނަމަވެސް މިވަގުތު މިހިން ލަންކާގެ ދަރަނި އޮތީ 105.6 މިލިޔަން ޑޮލަރުގައެވެ. އަދި ކެޕިޓަލް ޚަރަދަކީ 122.8 މިލިޔަން ޑޮލަރެވެ.