01 Nov 2016, 10:41
ފުލުހުންގެ އެކި ހަރަކާތްތައް ހިންގުމަށް ދީފައި އޮންނަ، ފޭދޫ ފިނޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ޓަކައި އެެ ރަށް ކުއްޔަށް ދޭން ނިންމައިފި އެވެ.
ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާނެ ރަށްރަށާއި ފަޅުތަކުގެ އަދަދާއި އެތަންތަނާބެހޭ މަޢުލޫމާތު ހިމެނޭ ގޮތަށް މި ދިޔަ މަހުގެ 27 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައި ފޭދޫ ފިނޮޅު ހިމަނާފައިވާ އިރު އެ ރަށުގެ އިތުރުން އެ ލިސްޓުގައި 11 ރަށެއް ހިމެނެ އެވެ. އަދި ދެ ފަޅު ހިމެނެ އެވެ.
ހަތަރު ހެކްޓަރުގެ ފޭދޫ ފިނޮޅުގެ އަންދާޒާ ކުރެވޭ އެކުއިޝަން އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 3.06 މިލިއަން ޑޮލަރު (47.18 މިލިއަން ރުފިޔާ) އެވެ.
ފޭދޫ ފިނޮޅުގެ އިތުރުން މި ލިސްޓުގައި އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިމެނޭ އިސްމެހެލާހެރަ (ކެޑަވާހެރައާ އެކުގައި) ވަނީ ކުއްޔަށް ދޭން ހިމަނައިފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ ފޭދޫ ފިނޮޅަކީ، ސްކޫލް ކުދިންނަށް އެކި ކޭމްޕުތައް ބާއްވަމުން އަންނަ ރަށެކެވެ. އަދި ފުރާވަރުގެ ކުދިންގެ އިސްލާހިއްޔާއެއް ވެސް އެ ރަށުގައި ހުރެ އެވެ.
ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ދޫކުރާނެ ރަށްރަށާއި ފަޅުތަކުގެ އަދަދާއި އެތަންތަނާ ބެހޭ މަޢުލޫމާތު ހިމެނޭ ގޮތަށް ނެރުނު އެ ލިސްޓުގައި ޖުމަލް 13 ރަށެއް ހިމެނެ އެވެ.
ފޭދޫފިނޮޅުގެ އިތުރަށް މާލެ އަތޮޅުން ދެ ފަޅެއް ވެސް ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ތެރެއިން 151 ހެކްޓަރު ފަޅުގެ އެކުއިޝަން އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 52.76 މިލިއަން ޑޮލަރު (813.55 މިލިއަން ރުފިޔާ) އެވެ. ދެ ވަނަ ފަޅުގެ އެކުއިޝަން އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 72.62 މިލިއަން ޑޮލަރު (1119.80 މިލިއަން ރުފިޔާ އެވެ. އެ ފަޅުގެ ބޮޑުމިނަކީ 1475 ހެކްޓަރެވެ.

ކެޕްޝަން..
ފޭދޫ ފިނޮޅު ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް ޓަކައި ކުއްޔަށް ދޫކުރަން ހަމަޖައްސާފައިވާ އިރު، ދިވެހިން އާންމުކޮށް ދަތުރުދާ މަންޒިލެއް ކަމަށްވާ ކުޑަ ބަނޑޮސް ވެސް ވަނީ ކުރިން ރިސޯޓެއް ހެދުމަށް ޓަކައި ބޮޑުބަނޑޮސް ހިންގާ ކުންފުންޏަށްދީފަ އެވެ.