ޅ. އަތޮޅުގެ 14 ވަރަކަށް ދޯނީގައި ގިނައަދަދެއްގެ މަސްވެރިންތަކެއް ކަނޑުމަތީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޅ. އަތޮޅުގެ މަސްވެރިންތަކެއް ކަނޑުމަތީގައި އިހްތިޖާޖު ކުރަމުންދާތީ އެއަތޮޅުގައި މަސައްކަތް ކުރާ ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މަސްވެރިންތަކެއް މުޒާހަރާ ކުރަމުން ދަނީ އެކި ލިޔުންތައް ލިޔެފައިވާ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެންނެވެ.

ޅ. ފެލިވަރު މަސްފެކްޓްރީގެ އިސްވެރިންނަކީ ކޮރަޕްޓް ބައެއް ކަމަށް ތުހުމަތުކޮށް އެމީހުން މަގާމުން ވަކިކުރުމަށް މުޒާހަރާގެ ބައިވެރިން އަންނަނީ އަޑުއުފުލަމުންނެވެ.

މަސްވެރިން ބާނާ މަހުގެ އަގު ދަށް ކުރާ ކަމަށް ބުނެ ވެސް މުޒާހަރާގެ ބައިވެރިން އަންނަނީ އަޑުއުފުލަމުންނެވެ.

ސަންއާ ވާހަކަދައްކަމުން މުޒާހަރާގެ ބައިވެރިޔަކު ބުނީ މަސްވެރިން ބާނާ މަހަށް ފުރިހަމަ އަގު ނުލިބޭ ކަމަށެވެ. އޭނާ ބުނީ ފެލިވަރުން މަސްވެރިންނަށް އައިސް ލިބެނީ ހަތަރު ވަރަކަށް ދުވަކު ކިޔުގައި ތިބިގެން ކަމަށާއި އިހްތިޖާޖުގެ ބޭނުމަކީ އެކަންކަން ހައްލު ކުރުމަށް އަޑުއުފުލުން ކަމަށެވެ.

މަސްވެރިންގެ އަތުން ފެލިވަރުން ގަންނަ މަހަށް ވަގުތުން ފައިސާ ނުލިބޭ ކަމަށާއި ފައިސާ ދޭއިރުވެސް ދެނީ ބައިބަޔަށް ކަމަށް އޭނާ ބުންޏެވެ.

ޅ. އަތޮޅުގެ މަސްވެރިންތަކެއް މުޒާހަރާ ކުރަމުން އަންނަ ދޯނިތަކުގައި ބޭނާތަކެއް ދަމާފައި ----

"އަޅުގަނޑުމެން ބާނާ މަހަށް ވަގުތުން ފައިސާ ނުލިބޭ. މަސް ދުވަސްވާއިރު ވެސް ކިރުވާ މަހަށް ފައިސާ ނުލިބޭތީއާއި މިފަދަ އެތައް ދަތިތަކެއް ހުރުމުން މިއަދު މި އަޑުއުފުލަނީ. ފައިސާ ދޭއިރު ވެސް ދެނީ އެތިކޮޅު ކޮޅުން،" މުޒާހަރާ ކުރަމުން އަންނަ މަސްވެރިއަކު ކިޔައިދިނެވެ.

މިކަމާ ބެހޭގޮތުން މިފްކޯގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.