01 Nov 2016, 09:38
އިނގިރޭސި ވިލާތުގެ ރަސްމީ ފައިސާ ކަމުގައިވާ ޕައުންޑުގެ އާ ކޮއިން އަންނަ އަހަރުގެ މާޗު މަހުގައި ނެރެން ނިންމައިފި އެވެ.
އެގައުމުގެ ޓްރެޝަރީ އިން ހާމަ ކުރާ ގޮތުގައި އެއް ޕައުންޑު (1 ޕައުންޑު)ގެ އާ ކޮއިން އަކީ ހުރިހާ ގޮތަކުން ވެސް ސަލާމަތީ ރައްކާތެރިކަން އިތުރުކޮށްފައިވާ ކޮއިނެކެވެ.
"އަލަށް ތައާރަފް ކުރާ ކޮއިން ވެގެންދާނީ ދުނިޔޭގެ އެންމެ ސެކިއޯ ކޮށް އުފައްދާ ކޮއިން އަށް. މި ކޮއިންގައި ހިމެނޭ ތަފާތު ފީޗާސްތަކުގެ ސަބަބުން މި ކޮއިންގެ ވަގު ކޮއިން އުފެއްދުމުގެ ފުރުސަތު ކުޑަވެގެންދޭ. އަދި ޓެކްސް އިދާރާތަކުން ޓެކްސްއަށް ފައިސާ ނެގުމުގައި ވެސް ފަސޭހަވެގެން ދާނެ،" ޓްރެޝަރީގެ ޗީފް ސެކެއްޓަރީ، ޑޭވިޑް ގުއޯކް ވިދާޅުވެފައިވެ އެވެ.

މި ކޮއިންގެ ފީޗާސްތަކަށް ބަލާއިރު، ކޮއިންގެ ވަށައިގެން 12 ދާރަ ހުންނާނެ އެވެ. ކޮއިންގައި ދެ ރިންގް ހިމެނޭ އިރު، ބޭރަށް އިންނަ ރިންގު ހުންނާނީ ރިކެލް ބްރާސް ބޭނުންކޮށްގެން ރަން ޕްލޭޓެއްގައި އެވެ.
ކޮއިންގެ މެދުގައި އިންނަ މަންޒަރަކީ ލޭޓެންޓް އިމޭޖެކެވެ. ނުވަތަ ހޮލޮގްރާމް ޒާތުގެ މަންޒަރެކެވެ. އެކި އޭންގަލް ތަކުން ބަލާއިރު މިކަން ފާހަގަކުރެވޭނެ އެވެ. އެގޮތުން ވަކި އޭންގަލަކުން ބަލާއިރު ކޮއިންގެ މެދުން ފެންނާނީ ޕައުންޑް ސައިން (£) އެވެ. އަދި ވަކި އޭންގަލަކުން ބެލުމުން (1) ފެންނަން ހުރެއެވެ.
މި ކޮއިންގެ ވަށައިގެން ހުންނަ 12 ދާރައިގެ އެއްފުށުގައި "ވަން ޕައުންޑް" ލިޔެފައިވާއިރު އަނެއް ފުށުގައި ޖަހާފައިވާނީ ޕައުންޑް އުފެއްދި އަހަރެވެ.
މީގެ އިތުރުން ވެސް މި ކޮއިންގައި ސެކިއުރިޓީ އާ ފީޗާއެއް ގާއިމް ކޮށްފައިވެ އެވެ. މި ފީޗާ އާ ބެހޭ ގޮތުން އަދި އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައިނުވާ އިރު، އެގައުމުގެ ކޮއިން އުފައްދާ، ސަރުކާރުގެ މުއައްސަސާ ކަމަށްވާ ރޯޔަލް މިންޓް އިން ބުނެފައި ވަނީ މާކެޓުގައި ދައުރުވާ ކޮންމެ އެއް ޕައުންޑުގެ 30 ކޮއިން އަކުން އެއް ކޮއިން އަކީ ފޭކު ކޮއިނެއް ކަމަށެވެ.
އިގިރޭސި ވިލާތުގެ ޓްރެޝަރީ އިން މިހާރު ވަނީ އެގައުމުގެ ކުންފުނިތަކަށް އާ ކޮއިން އާ ގުޅޭ ގޮތުން މައުލޫމާތު ދޭން ފަށައި، އެފަރާތްތަކުގެ ކަސްޓަމަރުންނަށް އެ ކޮއިނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އަންގާފަ އެވެ. އަދި ފައިސާއިން ވިޔަފާރި ކުރެވޭ މެޝިންތަކުން އާ ކޮއިން ބަލައިގަންނަ ގޮތް ހެދުމަށް ވެސް ޓްރެޝަރީން ވަނީ އަންގާފައެވެ.