ބައިރޫތު (ނޮވެމްބަރު 1) : ލުބްނާނުގެ ރައީސް ކަމަށް ސޫރިޔާއަށް ތާއީދުކުރައްވާ ބޭފުޅެއްކަމަށްވާ ރިޓަޔަޑް ޖެނެރަލް މިޝައިލް އަވްނު އިންތިޚާބު ކުރުމާ ގުޅިގެން ރައީސް ބައްޝާރުލްއަސަދު އޭނާއަށް ވަރަށް ހޫނު މަރްޙަބާ އެއް ވިދާޅުވެއްޖެ އެވެ.

ލުބްނާނުގެ ޕާލަމެންޓުން އެގައުމުގެ ރައީސްކަމަށް ޖެނެރަލް އަވްނު އިންތިޚާބު ކުރުމާ ގުޅިގެން އަވްނަށް ކުރެއްވި ފޯންކޯލެއްގައި ބައްޝާރުވަނީ އެއީ ލުބްނާނުގެ ރައްޔިތުންގެ އިތުރުން ސޫރިޔާއަށް ވެސް ލިބުނު ކާމިޔާބީ އެއްކަމަށް ސިފަކުރައްވައި ލުބްނާނުގެ ރައްޔިތުންނަށް ބާއްޖަވެރި މުސްތަގްބަލަކަށް އެދިވަޑައިގެންފަ އެވެ. އަދި ރައީސް އަވްނަށް ސިއްހަތާއި ދިގު އުމުރަކާއި މަސައްކަތުގައި ކާމިޔާބީއަށް ބައްޝާރު އެދިވަޑައިގެންނެވި ކަމަށް ވެސް ސޫރިޔާގެ ރަސްމީ ނޫސް އެޖެންސީ ސާނާ އިން ބުނެފައިވެ އެވެ.

އަނެއްކޮޅުން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތްވެސް ވަނީ އެޖަމާއަތުގެ ކެންޑިޑޭޓް ޖެނެރަލް އަވްނު ލުބްނާނުގެ ރައީސްކަމަށް އިންތިޚާބު ކުރެވުމުން އެއީ ތާރީޚީ ކަމެއްކަމަށް ސިފަކޮށްފަ އެވެ. ރިޓަޔަޑް ޖެނެރަލް މިޝައިލް އަވްނަކީ ލުބްނާނުގެ ރައީސްކަމަށް ގެނައުމަށް ހިޒްބުﷲ ޖަމާއަތުން މަސައްކަތްކުރި ކެންޑިޑޭޓެވެ. އަދި އަވްނަކީ އީރާނުގެ ތާއީދު ލިބިފައިވާ ލުބްނާނުގެ ބާރުގަދަ އަސްކަރީ އަދި ސިޔާސީ ޖަމާއަތް ކަމަށްވާ ހިޒްބުﷲ ގެ ބައިވެރިއެއްވެސް މެއެވެ.

ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ލުބާނުގެ ރައީސްކަމަށް އަވްނު އިންތިޚާބު ކުރުމަށް ހިޒްބުﷲ އިން ކުރި މަސައްކަތް ކާމިޔާބުނުވީ ސައޫދީ އަރަބިޔާގެ ތާއީދު ލިބިފައިވާ ލުބްނާނުގެ ސުންނީ ލީޑަރު އަދި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ސަޢްދުލްހަރީރީ އާއި އޭނާގެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އެކަމަށް ދެކޮޅުހެދުމުގެ ސަބަބުންނެވެ. ނަމަވެސް މިދިޔަ ހަފްތާގައި ހަރީރީ ވަނީ ސައޫދީ އަރަބިޔާއާ ދުރަށްޖެހިވަޑައިގެން ލުބްނާނުގެ މަސްލަހަތު އިސްކުރައްވައި ލުބްނާނުގެ ރައީސްކަމަށް މިޝައިލް އަވްނު އިންތިޚާބު ކުރުމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ.

ހަރީރީގެ މިތާރީޚީ ނިންމުމުގެ ސަބަބުން އޭނާގެ ޕާޓީގެ ބައެއް އިސްބޭފުޅުން އެކަމަށް ފާޑުވިދާޅުވި އެވެ. ނަމަވެސް ލުބްނާނުގެ ޕާލަމެންޓްގައި ހިމެނޭ ހަރީރީގެ ޕާޓީގެ ގިނަމެންބަރުން މިކަމަށް ތާއީދުކުރެއްވުމުން އަވްނު ރައީސްކަމަށް އިންތިޚާބު ކުރެވޭ މިންވަރަށް ޕާލަމެންޓުގެ ވޯޓުލިބޭނެކަން މިދިޔަ ހަފްތާގައިވަނީ ކަށަވަރުވެފަ އެވެ. ހަރީރީގެ ޚިޔާލު ބަދަލުކުރެއްވުމުން ސައޫދީ ބައެއް މަސްއޫލުވެރިން ވަނީ ހިތްހަމަނުޖެހޭކަން ފާޅުކުރައްވާފަ އެވެ. މިހިތްހަމަނުޖެހުންތަކާ އެކު ވެސް ސައޫދީ ސަރުކާރުން ރަސްމީ ސިފައެއްގައި ހަރީރީއަށް ފާޑުކިޔާފައެއް ނުވެ އެވެ.

ސައޫދީ ސަރުކާރުން މި އަހަރު ކުރީކޮޅުވަނީ ލުބްނާނުގައި އީރާނުގެ ބާރު ގަދަވާކަމަށްބުނެ ލުބްނާނަށް ޒަމާނުއްސުރެ ދެމުންގެންދިޔަ އަސްކަރީ އެހީތައް ވެސް ކަނޑާލާފަ އެވެ. މިއީ ކޮންމެ އަހަރަކުވެސް ސައޫދީ ސަރުކާރުން ލުބްނާނަށްދޭ ހަތްސަތޭކަ ވަރަކަށް މިލިޔަން ޑޮލަރުގެ އެހީއެކެވެ. މިއެހީ ދެމުންގެންދިޔައިރު ވެސް ލުބްނާނުގައި އީރާނުގެ ބާރުގަދަވެ ސައޫދީ ގެ ބާރު ހީނަރުވެގެން ގޮސްފައިވުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫކަމަށްބުނެ އެހީ ކަނޑާލުމަށް ސައޫދީ ސަރުކާރުން ނިންމީ އެވެ.

ރިޓަޔަޑް ޖެނެރަލް މިޝައިލް އަވްނަކީ ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި ލުބްނާނުގެ ސިފައިންގެ އިސްކޮމާންޑަރު (ޗީފް އޮފް ސްޓާފް) ކަމުގެ މަގާމުގައި ހުންނެވި އަސްކަރީ ޖެނެރަލެކެވެ. އޭނާ ވަނީ ލުބްނާނުގެ ކުރީގެ ރައީސެއްކަމަށްވާ އަމީންޖުމައިލް ގެ ވެރިކަމަށް ފަހު (1989 ގައި) ލުބްނާނަށް ކުރިމަތިވެގެންދިޔަ ރިޔާސީ ހުސްކަމުގެ ތެރޭގައި ސިފައިންގެ ވެރިއަކަށް ހުންނަވައިގެން ކުރުމުއްދަތަކަށް ލުބްނާނުގެ ރައީސެއްގެ ދައުރު ވެސް (އިންތިޚާބު ކުރުމަކާނުލައި) އަދާކުރައްވާފަ އެވެ.

ލުބްނާނުގެ ދަސްތޫރުގައިވާ ގޮތުން އެގައުމަކީ ބަރުލަމާނީ ނިޒާމުގެ (ބޮޑުވަޒީރަކު ވެރިކަން ކުރައްވާ) ގައުމެކެވެ. ނަމަވެސް ލުބްނާނުގެ ރައީސަކީ އެގައުމުގެ ވެރިކަމުގެ އެންމެ އިސް ފަރާތެވެ. ދެވަނައަށް އިސް ފަރާތަކީ ބޮޑުވަޒީރެވެ. ތިންވަނައަށް ޕާލަމެންޓްގެ ރައީސް އެވެ.

މިތިން ވެރިންގެ ތެރެއިން ސަރުކާރުގެ ވެރިއަކީ އަދި ގައުމު ހިންގާ ވެރިއަކީ ބޮޑުވަޒީރެވެ. ވެރިކަމުގެ ގިނަ ބާރުތައް އޮންނަނީ ބޮޑުވަޒީރުގެ އަތްޕުޅުގައެވެ. ރައީސަކީ ޝަރަފީ މަގާމެކެވެ. ލުބްނާނުގެ ދަސްތޫރުގައިވާ ގޮތުން ރައީސަކަށް އިންތިޚާބު ކުރެވޭނީ މެރޮނައިޓް މަޛްހަބުގެ ނަސާރާއެކެވެ. ބޮޑުވަޒީރަކަށް ސުންނީ މުސްލިމެކެވެ. ޕާލަމެންޓްގެ ރައީސަކަށް ޝިޔައީ މުސްލިމެކެވެ. ލުބްނާނުގެ އާބާދީގައި ގިނައީ ސުންނީ މުސްލިމުންނެވެ. ދެން ނަސާރާއިންނެވެ. ދެން ޝިޔައީ މުސްލިމުންނެވެ.

ލުބްނާނުގެ ބޮޑުވަޒީރަކީ ޕަލަމެންޓްރީ އިންތިޚާބުގެ ތެރެއިން ހޮވޭ ބޭފުޅެކެވެ. ޕާލަމެންޓްރީ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކުން އިޚްތިޔާރު ކުރާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ޕާލަމެންޓްގެ ރައީސް އިންތިޚާބު ކުރަނީ ޕާލަމެންޓުންނެވެ. (ނޫސްއެޖެންސީތައް)