ސައުދީގެ ފިނޭންސް މިނިސްޓަރުގެ މަގާމު މިދިޔަ 20 އަހަރު ދުވަސް ވަންދެން ފުރުއްވި ޑރ. އިބްރާހިމް އަބްދުލްއަޒީޒް ބިން އަބްދުﷲ އަލް ޢައްސާފް، އެ މަގާމުން ވަކިކޮށްފި އެވެ.

ޑރ. އިބްރާހިމް އަލް ޢައްސާފްގެ ބަދަލުގައި ފިނޭންސް މިނިސްޓަރުކަމަށް އައްޔަނު ކޮށްފައި ވަނީ އެ ގަައުމުގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ޗެއާމަން މުހައްމަދު އަލް ޖަދުޢާނެވެ.

ސައުދީ އަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީން ބުނާ ގޮތުގައި، އެ ގައުމުގެ ފިނޭންސް މިނިސްޓަރުކަމުން ޑރ. އިބްރާހިމް ބިން އަލް ޢައްސާފް ވަކިކޮށްފައި ވަނީ ރަސްގެފާނުގެ ޝާހީ އަމުރުފުޅެއްގެ ދަށުންނެވެ. އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ނަމަވެސް ސައުދީ އަރަބިއްޔާ އިން މިވަގުތު ދަނީ، އެގައުމުގެ ތެލުގެ ވިޔަފާރިން ލިބޭ އާމްދަނީ ދަށްވަމުން ދާތީ އެގައުމުގެ މާލީ އަދި އިގްތިސާދީ ދާއިރާގެ އޮނިގަނޑު ބަދަލުކުރަމުންނެވެ. ފިނޭންސް މިނިސްޓަރު ބަދަލުކުރީ މި މަސައްކަތުގެ ދަށުން ކަމަށް ބެލެވެ އެވެ.

އިގްތިސާދާއި ސިޔާސީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައި، އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓު ޔުނިވާސިޓީ އިން އިގްތިސާދީ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ޑރ. އިބްރާހިމް އަލް ޢައްސާފް ފިނޭންސް މިނިސްޓަރުކަމަށް ފުރަތަމަ ވަޑައިގަތީ ސައުދީ އަރަބިއްޔާގައި ފަހުދު ރަސްގެފާނުގެ ރަސްކަމުގައި 1996 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެންނެވެ. އެއަށް ފަހު އިއްޔެއާ ޖެހެންދެން އެ މަގާމުގައި ހުންނެވީ އޭނާ އެވެ.

ފިނޭންސް މިނިސްޓަރުގެ އިތުރުން، ޑރ. އިބްރަހިމް އަލް ޢައްސާފަކީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓްގެ ޗެއާމަން ވެސް މެ އެވެ.