މެލޭޝިއާ ސަރުކާރުން މަތީ ތައުލީމު ފޯރުކޮށް ދޭ އިންސްޓިޓިއުޓެއް ކަމަށްވާ، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް)ގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލިބިވަޑައިގެންފިއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. ޝަހީމް ރޭ ވިދާޅުވީ، އައިއައިޔޫއެމްގެ 32 ވަނަ ކޮންވޮކޭޝަން ރަސްމިއްޔާތުގެ ހާއްސަ މެހެމާނަކަށް ވުމުގެ ދައުވަތު އޭނާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމަކީ އޭނާއަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށް ވިދާޅުވި އެވެ.

ޑރ. ޝަހީމް، ޕީއެޗްޑީއަށް ކިޔަވާވިދާޅުވި، އައިއައިޔޫއެމްގެ ދައުވަތަކަށް މެލޭޝިއާއަށް އޭނާ ވަޑައިގަންނަވާނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.

އަދި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ އެ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސް އިން މިމަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ހާއްސަ ހަފްލާއެއްގައެވެ. ތަގުރީރު ކުރައްވާނީ ރާއްޖޭގެ ޒަކާތުގެ ނިޒާމާ ގުޅޭ ގޮތުންނެވެ.

މެލޭޝިއާގެ އިސްލާމީ ޔުނިވާސިޓީއެއްގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު ޝަހީމަށް ލިބިވަޑައިގެން ފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ބުރުނާއީގެ ސުލްތާން ޝާރިފް އިސްލާމިކް ޔުނިވާސިޓީން ބޭއްވި އެ ޔުނިވާސިޓީގެ ކޮންވޮކޭޝަންގެ ހާއްސަ މެހެމާނަކަށްވެ ހާއްސަ ތަގުރީރެއް ކުރެއްވުމުގެ ދައުވަތު ވެސް ޝަހީމަށް ވަނީ ލިބިވަޑައިގެންފައެވެ.

ޝަހީމް ވިދާޅުވީ، މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ހަވާސާގައި ތަމްރީނާއި ދިރާސާތައް ކުރުމުގައި ދެ ފަރާތް ގުޅިގެން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތްކުރުމަށާއި އައިޔޫއެމްގެ ދަރިވަރުންނަށާއި މުވައްޒަފުންގެ ކުރިއެރުމަށް އައިއައިޔޫއެމްއާއެކު ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ.

އަދި އައިއައިޔޫއެމްއާއެކު ސޮއިކުރާ މެމޮރަންޑަމް އޮފް އެސޯސިއޭޝަން (އެމްއޯއޭ) އަކީ އެ ޔުނިވާސިޓީގެ އިސްނެންގެވުމަކަށް ސޮއިކުރާ އެއްބަސްވުމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ތަގުރީރު ކުރައްވަން ހަމަޖެހިފައިވާ އައިއައިޔޫއެމް އަކީ ރާއްޖެ ވެސް ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އަށް ގައުމަކުން ސްޕޮންސާކޮށްފައިވާ 1983 ވަނަ އަހަރު ހުޅުވި ޔުނިވާސިޓީ އެކެވެ.

މިހާރު އެ ޔުނިވާސިޓީގެ 14 ކުއްލިއްޔާއަކުން ބެޗްލާސް އާއި މާސްޓާސް އަދި ޕީއެޗްޑީ ކޯސްތައް ހިންގަމުންދާއިރު ވޭތުވެދިޔަ 29 އަހަރުގެ ތެރޭގައި އެ ޔުނިވާސިޓީން 60،000 އަށްވުރެ ގިނަ ދަރިވަރުން ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ވެފައިވެ އެވެ.