ކަރުގައި ހިފައި ނޭވާ ހާސްކުރުމާއި ބަނޑުގައި ކޮޅުފައި ޖެހުމަކީ ފިރިމީހާގެ ފަރާތުން ދެ ދަރިންގެ މަންމައަށް ކޮންމެ ދުވަހަކުހެން ލިބިގެން ދިޔަ އަނިޔާކަމަށް އޭނާ ބުނެ އެވެ. ގޭގައި ބަންދުކޮށްފައި ހުރުމުގެ ސަބަބުން މީހެއްގެ އެހީއަށް ނޭދެވޭ އިރު އޭނާ އިހުތިޔާރުކުރީ ކަމާ ބެހޭ އިދާރާތަކަށް ގުޅައި އެކަން ރިޕޯޓް ކުރުމަށެވެ. ތަކުރާރުކޮށް ގުޅުމުން ވެސް އެންމެ އެކަށޭނަ އެހީތެރިކަން ފޯރުނޮށްދޭކަމަށް އޭނާ ބުނެ އެވެ.

އޭނާ ބުނީ ރައްކާތެރިކަން ހޯދުމަށް އެންމެ ގިނައިން ވާހަކަ ދެއްކީ ޖެންޑާ މިނިސްޓްރީއާ ކަމަށެވެ. ނަމަވެސް ޖެންޑާއަށް ގުޅީމާ މުޅިންހެން ބުނީ ގެއިން ނުކުމެގެން އައުމަށް ކަމަށާއި ރައްކާތެރިކަމުގެ އަމުރު ނެރެވޭނީ އޭރުން ކަމަށެވެ.

"އަޅުގަނޑު ބުނިން އަޅުގަނޑު މިއުޅެނީ ސަލާމަތް ނުވެވިގެންނޭ ޖެންޑާއިން ކޮށް އެހީއެއްހޭ ވެވޭނީ، ބުނީމާ ބުނީ އަނެއްކާ ވެސް އަންނާށޭ، އައިސް އެފްސީޕީޑިއަށް ބަޔާނެއް ދޭށޭ، ދެން ބުނީ ހޮސްޕިޓަލަށް ދާށޭ، ގޮސް މެޑިކަލްއެއް ހައްދާށޭ، ހަމަ ކޮންމެ ދުވަހަކު ތަކުރާރުކޮށް މިވާހަކަ ކިޔަނީ، އޭރު ވެސް ބުނަން އަޅުގަނޑަށް ނެތޭ ނުކުމެވޭކަށް،" އަނިޔާ ލިބިފައިވާ އެއަންހެން މީހާ ބުންޏެވެ.

އޭނާ އެންމެ ފަހުން ފިލައިގެން ގެއިން ނުކުމެގެން ދިޔައީ އެވެ. އެއަށް ފަހު ރައްކާތެރިކަމުގެ އަމުރު ހޯދުމަށް އުޅެއުޅެ އެތައް ދުވަހެއްވިއިރު ވެސް އެކަން ނުވި ކަމަށް އޭނާ ބުނެ އެވެ. ނަތީޖާއެއްގެ ގޮތުން އެއަނިޔާތަކުން ސަލާމަތްވެވުނީ އެތައް ދުވަހެއްގެ މަސައްކަތުންނެވެ.

ގެވެށި އަނިޔާއާއި އިހުމާލުން ލިބޭ އަނިޔާތަކުން ސަލާމަތްވުމަށް އެކަށޭނަ ގާނޫނުތަކެއް ހެދިފައި އެބަހުއްޓެވެ. އޭގެ ތެރޭގައި އަނިޔާ ލިބޭ މީހާއަށް ރައްކާތެރި މާހައުލެއް ގާއިމްކޮށް ދިނުމާއި އަނިޔާ ކުރާ ނުވަތަ އިހުމާލުވާ ފަރާތްތަކަށް ދެވޭ ހަރުކަށި އަދަބްތައް ހިމެނެ އެވެ. ނަމަވެސް ވ.ރަކީދޫގައި މަންމައަކު މަރާލި މުހައްމަދު އިބްތިހާލްގެ މަރަށް ބެލިނަމަވެސް ދައުލަތުގެ މުއައްސަސާތައް ނުކުޅެދިފައިވާ މިންވަރު ފެނެ އެވެ. އިބްތިހާލްއަށް އަނިޔާ ލިބިލިބި މަރުވެގެން ދިޔައީ ޖެންޑާއަށް އެ މައްސަލަ ހުށައަޅާފައިވަނިކޮށެވެ.

މަގުތަކުގައި ނިދާ އުޅޭ ނުކުލެދުންތެރިކަން ހުންނަ ފަރާތްތަކުގެ ވާހަކަ އެތައް ފަހަރެއްގެ މަތިން ސަމާލު ކަމަށް ގެނައިނަމަވެސް އެކަށޭނަ ފިޔަވަޅު އެޅޭތަނެއް ނުފެއެވެ. ހިއުމަން ރައިޓްސް ކޮމިޝަން ގެ ދުވެލިވެސް އެހާ މަޑެވެ.

މާފަންނު ވެސްޓްޕާކް ސަރަހައްދުގައި ހުންނަ ގެއެއްގައި އުޅޭ ދެމަފިރިންގެ ވިޔާނުދާ އުޅުމުގެ ސަބަބުން އެމީހުންގެ ކުދިން މަގުމަތިވެފައި ވާތީ އެކަން ތަކުރާރުކޮށް ޖެންޑާއަށް ހުށައެޅުމުން ވެސް އެކުދިންނަށް އެތައް ގޯނާއެއް ލިބުނުއިރު އެކަމަށް އޮތީ ސަމާލުކަން ނުދެވި އެވެ. ދެކުނު އަތޮޅެއްގައި އަންހެނަކަށް އޭނާގެ ފިރިމީހާ ހޫނު އިސްތިރިން ހަމަލާ ދިނުމުން ވެސް އެކަންކަމުން ސަލާމަތްވުމަށް މިނިސްޓްރީގެ އެއްބާރުލުން ނުލިބުނު ކަމަށް އެއާއިލާއިން ބުނެ އެވެ.

"ކަންތައްތަކުގައި ވަރަށް ލަސް، ހައްގުތައް މަގުފަހިކުރުން ދަށް، އެކަމަކު ވާހަކަ ވަރަށް މޮޅު، ރައްކާތެރިކަން ކިޔައިދިނަސް އަމަލެއް ނުކުރޭ، އެންމެ ފަހުން ޖެހުނީ އަމިއްލެއިން ވަކީލެއް ހޯދަން،" އެއަންހެން މީހާގެ ކޮއްކޮ ބުންޏެވެ.

އަތޮޅު ތެރޭގައި ފެމެލީ އެންޑް ޗައިލްޑް ޕުރޮޓެކްޝަން ހުންނައިރު އެތަންތަން އެންމެ ރަނގަޅަށް ނުހިންގޭކަމަށް އަނިޔާ ތަހައްމަލް ކުރަންޖެހޭ ފަރާތްތައް ބުނެއެވެ. އެންމެންގެ ވެސް ޝަކުވާއަކީ ފިޔަވަޅުތައް އެޅުން ލަސްވުމާއި ދާންވީ މަގު ބުނެނުދޭ މައްސަލަ އެވެ.

ފުލުހުންގެ ޑޮމެސްޓިކް ވައިލެންސް އިންވެސްޓިގޭޝަން ޔުނިޓް (ޑީވީއައިޔޫ)ގެ ޕޮލިސް ސުޓާފް ސާޖެންޓް އަބްދުލް ޖަލީލު އިބްރާހިމް ވިދާޅުވީ އަނިޔާ ލިބިގެން ހުށައެޅޭ މައްސަލަތަކުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ފިޔަވަޅުއެޅުން ލަސްވެގެން ފުލުހުންނަށް ޝަކުވާ ލިބޭކަމަށާއި އެފަދަ މައްސަލަތަކުގައި ގާނޫނީ ބާރުތައް ލިބިގެންދަނީ ޖެންޑާ މިނިސްޓްރީއަށް ކަމަށެވެ.

"ގިނަ ބާރުތައް މިހުންނަނީ ޖެންޑާއަށް، ބައެއް ފަހަރު ވަރަށް އަވަހަށް ވެސް އެބަހުރި އަޅުގަނޑުމެން ރިކުއެސްޓްކޮށްލީމަ އެއް ދުވަސް ތެރޭގައި ވެސް އެބަހުރި ފިޔަވަޅު އަޅާފައި، ބައެއް ފަހަރު މަޑުވުންތަކެއް އެބައާދޭ،"ޖަލީލު ވިދާޅުވި އެވެ.

ޖެންޑާއިން ބުނަނީ އެހީތެރިވާ ކަމަށް!

ޖެންޑާ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް އައިމިނަތު ހުސެއިން ޝަރީފް ވިދާޅުވީ 1412 އަށް ގުޅައިގެން މީހުން ހުށައަޅާ ހުރިހާ މައްސަލައެއް ފުލުހުންނަށް ހުށައަޅައިގެން ބަލަމުން އަންނަ ކަމަށެވެ. މީހަކަށް އަނިޔާވާ ކަމަށް ހުށައަޅައިފި ނަމަ އެކަން ނުބަލާ ނުހުންނާނެ ކަމަށާއި ގެތަކަށް ގޮސް ބަލަމުން އަންނަ ކަމަށް އައިމިނަތު ވިދާޅުވި އެވެ.

ހުޅުމާލޭގައި ގާއިމްކޮށްފައިވާ 'ފިޔަވަތި' އަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޒިޔާރަތް ކުރުން--- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

"އަޅުގަނޑުމެން ވިކްޓިމް [އަނިޔާ ލިބޭ މީހާ] އާއެކީ މަސައްކަތް ކުރާނެ، ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ކުރާނެ ކަމަކީ ހުރި މާހައުލަކުން ރައްކާތެރިކަން ލިބޭތޯ، ނުލިބޭނަމަ ބަލާނީ އޭނާ އެއަށް ވުރެ ރަނގަޅު މާހައުލަކަށް ފޮނުވޭތޯ،" އައިމިނަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަނިޔާއެއް ނުވަތަ އިހުމާލެއްގެ މައްސަލައެއް ފާހަގަވާ ނަމަ ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ވެސް 1412 އަށް ގުޅުމުން ޖެންޑާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ޕޮލިސް ސުޓާފް ސާޖެންޓް އަބްދުލް ޖަލީލު ވިދާޅުވީ އިހުމާލު ނުވަތަ އަނިޔާގެ ގޮތުގައި ހުށައެޅޭ މައްސަލަތައް އާންމުކޮށް ލަސްވަނީ އާއިލާތަކުން ދޭ އެއްބާރުލުން ނުދެވިގެން ކަމަށެވެ.

"ވާހަކަ ދެއްކުމުން މިބުނަނީ ތިމަންނަ ބޭނުމެއް ނޫނޭ ދިރިއުޅުމުގެ ތެރެއަށް ވަށްނާކަށް، ދިރިއުޅުމުގެ ތެރެއަށް ވެދެވެނީއޭ ވިސްނެނީ، ބަޔާން ވެސް ނުދޭން ވިސްނަފާނެ، އަޅުގަނޑުމެން މިވިސްނަދެނީ ވަންނަނީ ދިރިއުޅުމަކަށް ނޫނޭ، މިވަންނަނީ އަނިޔާ ހުއްޓުވުމަށޭ،" ޖަލީލް ވިދާޅުވި އެވެ.

އަނިޔާ އަދި އިހުމާލުގެ ކަންކަން އަވަސް ކުރަން ފުލުހުން ވެސް ވަރަށް ބޭނުންވެ އެވެ. ޖަލީލް ވިދާޅުވީ ހެއްކާ ބެހޭ ގާނޫނެއް ނެތުމުން ހެކީގެ ބުރަދަން ނެތުމާއި ހެކިދޭ ފަރާތުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭތީ ގޮންޖެހުންތަކާ ކުރިމަވާ ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތައް ހުއްޓުވުމަށް ހެއްކާ ބެހޭ ގާނޫނެއް އޮންނަން ޖެހޭ ކަމަށް ޖަލީލް ވިދާޅުވި އެވެ.

ހަރުދަނާ އުސޫލްތަކެއް ގާއިމް ކުރެވިފައިވީ ނަމަވެސް ދުވަހުން ދުވަހަށް އަނިޔާ ދަނީ އިތުރުވަމުންނެވެ. އެތައް ދިރިއުޅުމެއް އެކަމުގައި ޖެހި ވިއްސިވިލާލިވާއިރު އެތައް ބަޔަކު ވަނީ ބިކަވެފަ އެވެ. އެއް ސަބަބަކީ މީހުން ހޭލުންތެރި ނުވުމެވެ. އެކަންކަމުން ރައްކާތެރިވާންޖެހެ އެވެ. ހަރުދަނާ އުސޫލްތަކެއް ހެދިފައިއެބަހުއްޓެވެ. ކުރަންވީ ކަމަކީ މުއައްސަސާތަކުން އެކަށޭނަ ގޮތަކަށް މަސައްކަތް ކުރަންވީ އެވެ.