ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް މިފަހަރު ހައްގީ ރެއާލް ،މެޑްރިޑަށް ކުޅޭ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކަމަށް ގެރެތް ބޭލް ބުނެފި އެވެ.

ރެއާލް މެޑްރިޑާ އެކު 2022 ވަނަ އަހަރާ ހަމައަށް މަޑުކުރުމަށް ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު މީޑިއާޔާ ވާހަކަ ދައްކަމުން ބޭލް ބުނީ މިދިޔަ ސީޒަނުގައި ދެއްކި ކުޅުމަށް ބަލާ އިރު ބެލޮންޑިއޯ އެވޯޑް އެންމެ ހައްގުވަނީ ރޮނާލްޑޯއަށް ކަމަށާއި އޭނާ އެ އެވޯޑް ދޭނެ ފަރާތެއް ކަނޑައަޅާ ނަމަ ރޮނާލްޑޯ ނޫން އެހެން ކުޅުންތެރިއަކަށް ނުދޭނެ ކަމަށެވެ.

"ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި ރެއާލްއަށް ޗެމްޕިއަންސް ލީގް ހޯދަދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައި. އޭނާގެ ކެޕްޓަން ކަމުގައި ޕޯޗުގަލްއިން ޔޫރޯ ވެސް ކާމިޔާބް ކުރީ. ޖުމްލަ ގޮތެއްގައި މިދިޔަ ސީޒަނަކީ ރޮނާލްޑޯއަށް ވަރަށް ކާމިޔާބް ސީޒަނެއް،" ރޮނާލްޑޯ އާއި އެކު ރެއާލް މެޑްރިޑްގެ ފޯވާޑް ލައިން ބަލަހައްޓަމުންދާ ބޭލް ބުންޏެވެ.

ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ނަން އިއުލާންކޮށްފައިވާ އިރު އެލިސްޓްގައި ބޭލް ވެސް ހިމެނެ އެވެ. ބޭލް އާއި ރޮނާލްޑޯގެ އިތުރުން ދެން އެލިސްޓްގައި ހިމެނޭ ރެއާލްގެ ކުޅުންތެރިން އަކީ ކަރިމް ބެންޒިމާ އާއި ޓޮނީ ކްރޫސް އާއި ލުކާ މޮޑްރިޗުގެ އިތުރުން ޕެޕޭ އެވެ.

"އަހަރެންނަކަށް ނޭންގެ އަދި އަހަރެންނަށް އެއެވޯޑް ލިބޭނެ ދުވަހެއް. އެވަރަށް އަހަރެންނަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދިއްޖެ ނަމަ އަމިއްލަ ގިނަ އެވޯޑްތަކެއް ވެސް ލިބޭނެ،" ބޭލް ބުންޏެވެ.

ރެއާލްއާ އެކު ދިގު މުއްދަތަކަށް މަޑުކުރުމަށް އޭނާ ނިންމި ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބޭލް ބުނީ އަމާޒަކީ ގިނަ ޓްރޮފީތަކެއް ކާމިޔާބްކުރުން ކަމަށާއި އެކަން ކުރެވޭނީ ރެއާލް ފަދަ ޓީމެއްގައި ހުރެގެން ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ ކާމިޔާބްކުރެވެން ހުރި ހުރިހާ ޓްރޮފީއެއް ވެސް ކާމިޔާބްކުރުން. އެކަން ކުރެވެން އޮތީ ރެއާލް ފަދަ ޓީމެއްގައި ހުރެގެން. އެސަބަބާ ހުރެ އަހަރެން ނިންމީ ރެއާލްގައި އަދިވެސް މަޑުކުރުމަށް،" ޓޮޓެންހަމް އިން 2013 ވަނަ އަހަރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ރެއާލް މެޑްރިޑަށް ބަދަލުވި ބޭލް ބުންޏެވެ.