01 Nov 2016, 00:24
ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިގެން މަސައްކަތް ކުރުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ފިޔަވައި އިތުރު ޕާޓީތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން ފެކްޝަނުން ބުނެފިއެވެ.
ޕީޕީއެމްއިން ދަރުބާރުގޭގައި މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު، ސަންއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، އެބޭފުޅުންނާ ގުޅިގެން މަސައްކަތް ކުރުމަށް އެހެން ޕާޓީތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.
އެއީ ކޮން ޕާޓީއެއްތޯ ސުވާލުކުރުމުން ވިދާޅުވީ، ވަގުތު އައުމުން އިނގޭނެ ކަމަށެވެ.
"ބައެއް ޕާޓީތަކުގެ ޝައުގުވެރިކަން އެބަހުރި އަޅުގަނޑުމެންނާއެކު މަސައްކަތް ކުރުމުގެ. އެހެންކަމުން އެކަމާ ގުޅޭގޮތުންވެސް އަމަލުކުރާނެ ގޮތްތަކެއް ކޮމެޓީއެއް އެކުލަވާލައިގެން ކުރުމަށް،" ހަލީލް ވިދާޅުވިއެވެ.
މީގެ ކުރިން ޕީޕީއެމް ނިދާފައި އޮތަސް ރައީސް ޔާމީން ހަވާލުވުމުން ޝައުގުވެރިވާ އެހެން ފަރާތްތައް އުޅޭ ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.
ޕީޕީއެމްގެ ސަޕޯޓަރުންގެ ގާތަށް އަތޮޅުތެރެއަށް ދަތުރުތައް ކުރުމަށްވެސް ނިންމާފައިވާ ކަމަށާއި އަދި ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން މަސައްކަތް ކުރާއިރު އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީޕީ ދަނީ ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރަމުންނެވެ. ވަކިކޮޅެއް އިހުތިޔާރުނުކޮށް އޮތީ ޑީއާރްޕީއެވެ.