އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި ކްލަބް އީގަލްސް 1-0ގެ ނަތީޖާ އަކުން ބަލިކޮށް ސެމީ ފައިނަލްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިކުންނާނެ ޓީމަކަށް ޓީސީ ސްޕޯޓްސް ވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ކުއާޓާ ފައިނަލްގެ ހަތަރު ވަނަ މެޗުގައި ޓީސީ މޮޅުވީ މެޗުގެ ތިން ވަނަ މިނެޓްގައި އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކޮށްދިން ގޯލުންނެވެ. މެޗުގައި ޓީސީން އުފެއްދި ފުރަތަމަ ހަމަލާ ގޯލުގެ ތެރެއަށް ސެންޓޭ ވައްދާލިއިރު އޭގެ ފަހުން ޓީސީއަށް އީގަލްސްގެ ގޯލާ އަމާޒްކޮށް ފޮނުވާލެވިފައިވަނީ ނުރައްކާތެރި ދެތިން ހަމަލާއެކެވެ.

ޓީސީގެ ލީޑް އިތުރަށް ފުޅާ ކުރުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޒުވާން ފޯވާޑް އަލީ ހާފިޒް (އައްޔަ) އަށެވެ. އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ސެންޓޭ ހުރަސް ކޮށްލި ބޯޅަ، ދާދި ފަހުން ނިމުނު ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނުނު އައްޔަ ހުސްކޮށް ހުރެ ފޮނުވާލި ނަމަވެސް ދިޔައީ ގޯލާ އަމާޒް ނުވެ ދަނޑިކައިރިން ބޭރަށެވެ.

އެފްއޭ ކަޕްގައި މިރޭ އީގަލްސްއާ ޓީސީ ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

އީގަލްސްގެ ފަރާތުން މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ގިނަ މަސަތްކަތްތަކެއް ކުރި ނަމަވެސް އެޓީމަށް ވަނީ ޓީސީގެ ގޯލު ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ. މެޗުގެ ނަތީޖާ އެއްވަރުކޮށްލުމަށް އީގަލްސްއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިމްރާން ނަޝީދަށެވެ. ނަމަވެސް ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ ފޮނުވާލަން ލިބުނު ބޯޅަ އޭނާއަށް ފޮނުވާލެވުނީ މާ މަޑުން ކީޕަރުގެ އަތަށެވެ.

ސެމީ ފައިނަލްގައި ޓީސީން ނިކުންނަން ޖެހޭނީ ރޭ ބީޖީ ބަލިކޮށް ސެމީގެ ޖާގަ ކަށަވަރުކުރި ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. އެ މެޗު ކުޅެވޭނީ އަންނަ އާދިއްތަ ދުވަހުގެ ރޭއެވެ.

އެފްއޭ ކަޕްގައި ދެން މެޗެއް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ. އެރޭ ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ ނުކުންނާން ޖެހޭނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.