މާލެ މިހާރު އޮތް ހާލަތުގައި ބަސް ދަތުރުތައް ކުރުމާމެދު ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމަ ވަރަށް ބޮަޑަށް ފާޑުވިދާޅުވެފައި ވަނިކޮށް މި މަހުގެ ތެރޭގައި މާލޭގައި ބަސްދަތުރުތައް ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލް އިން މިއަދު ބުނެފި އެވެ.

މާލޭގެ މޭޔަރު ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ މާލޭގައި ބަސް ދަތުރުގެ ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް މިހާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން ބަސް ސްޓޭންޑްތައް މާލޭގެ އެކި ހިސާބުތަކުގައި މިހާރު ހަރުކުރަން ފަށާފައި ވާކަމައްވެސް މޭޔަރު ވިދާޅުވި އެވެ.

"މި މަހު ހަމަ ގައިމު ވެސް އަޅުގަނޑުމެން އެކަންތައް ކުރާނަން. ބަހުގެ ހިދުމަތް ފަށާނަން،" އާދަމް މަނިކު ވިދާޅުވި އެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ބަސްދަތުރުތައް ފައްޓާއިރު ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް މީގެ ކުރިން ވިދާޅުވެފައިވަނީ މާލޭގެ މަގުތަކުގެ ހާލަތު ހުރިގޮތުން ބަސް ނުދުއްވޭނެ ކަމަށެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ އިސް ނެގުމާ ގުޅިގެން މިނިސްޓަރު މިއަދު ވިދާޅުވީ ސިޓީ ކައުންސިލްގެ އެ މަސައްކަތައް މަރުހަބާ ކިޔާ ކަމަށާއި ބަސް ދަތުރުތައް ކާމިޔާބުވާނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށެވެ.

"އަޅުގަނޑު ބަލަން މި ހުރީ އެއީ ކާމިޔާބުކަމެއްތޯ؟ އަޅުގަނޑުމެން ނިންމައިގެން ތިބީ ވެށިފަހި މާލޭގެ ތެރެއިން އެކަން ކުރަން. އެކަމަކު އެހެން ބަޔަކު ފެއްޓީމާ އަޅުގަނޑު ނެތިން އެއީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއްވިއްޔާ ދެކޮޅު ހަދާކަށް. އަޅުގަނޑަށް ވުރެ މޮޅަށް ކަމެއް ދަންނަ އަދި ކަން ކުރެވޭނެ ބަޔަކުވެސް ތިބޭނެ. އަޅުގަނޑަށް ހުރިހާ ކަމެއް މޮޅަކަށް ނުކުރެވޭނެ،" އާދިލް ވިދާޅުވި އެވެ.

ޓެސްޓް ދަތުރުތަކެއްގެ ގޮތުގައި އެމްވީކޭއާއި ގުޅިގެން މާލޭ ސިޓީ ކައުންސިލް އިން ބަސްދަތުރުގެ ހިދުމަތް މި މަހު ފަށާއިރު ބަސް ދަތުރުރަކަށް މީހެއްގެ އަތުން ނަގާނީ ފަސް ރުފިޔާ ކަމަށާއި ބާރު ބޮޑު ގަޑި ތަކުގައި ދިހަ މިނެޓުން ދިހަ މިނެޓުން ބަސް ދަތުރުކުރާނެ ކަމައްވެސް އާދަމް މަނިކުވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ ބަސް ދަތުރުކުރާނެ މަގުތަކެއް ވެސް ހަމަޖައްސާފަ އެވެ. އެއީ ފަރީދީ މަގާއި އޯކިޑް މަގާއި އަމީނީ މަގާއި އަދި މަޖީދީ މަގެވެ.

އެމްވީކޭއިން މާލޭގައި ބަސް ދަތުރުތަކަށް ބޭނުންކުރާ 10 ބަހަކީވެސް 30 މީހުންނާއި 40 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށް މާލޭ ސިޓީ ކައުންސިލްއިން ބުނެ އެވެ.

މާލޭގައި ބަސް ދަތުރުތައް ފައްޓާއި ހަބަރާއި އެކު ޓެކްސީ ޑްރައިވަރުން ތިބީ މާޔޫސްވެފަ އެވެ.

"މިހާރުވެސް މިނަގާ ފީއިން ދެކޮޅު ޖެހެނީކީ ނޫން. ހަރަދު ކަޑާފައި އެއްޗެއް އޮންނަނިއްޔެއް ނޫން. އެހެންއޮއްވާ ވިޔަފާރިއަށް ހުރަސްއެޅޭ ގޮތަށް އިތުރު ކަމެއް ކުރިމަތިވަނީ. އަގު ހެޔޮ ތަނަކަށް ދެއްތޯ މީހުން ދާނީ." ގިނަ އަހަރުތަކެއް ޓެކްސީ ކުރުމުގައި ހޭދަކޮށްފައިވާ އިބްރާހިމް މުހަންމަދުފުޅު މިއަދު ބުންޏެވެ.