31 Oct 2016, 23:08
ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިދާހު، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއާކަމުގެ މަގާމުގައި އިތުރު ދެ އަހަރު ދުވަހު ދެމިހުރުމަށް ރާއްޖެއަށް ފުރުސަތު ލިބިއްޖެއެވެ.
ރާއްޖެއަކީ 2015 ވަނަ އަހަރުން ފެށިގެން އެއޯސިސްގެ ޗެއާއެވެ. ރާއްޖޭގެ ފަރާތުން އެއޯސިސް ޗެއާކަމުގައި ހުންނަވަނީ ރާއްޖެއިން އެމެރިކާއަށާއި ނިއު ޔޯކްގައި ހުންނަ އދ.ގެ މިޝަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރެވެ.
ސަރީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއޯސިސްގެ މެމްބަރުގެ ސަމިޓުގައި، ކުރިޔަށް އޮތް ދެ އަހަރުގެ ވަނަ އަހަރަށް އެއޯސިސްގެ ޗެއާކަމަށް ރާއްޖެ ދެމިހުރުމަށް މެމްބަރު ގައުމުތަކުން އެދިފައިވާ ކަމަށެވެ.
ެއެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވި ގޮތުގައި، ރާއްޖެއަށް އެއޯސިސްގެ ޗެއާކަމުގެ ދެވަނަ ދައުރެއް ލިބިގެން މި ދިޔައީ، މިދިޔަ ދެ އަހަރުގެ ތެރޭގައި ރާޢްޖެއިން އެ އިއްތިހާދުގެ ޗެއާގެ ގޮތުގައި އަދާކުރި ރޯލާ މެދު މެމްބަރު ގައުމުތަކުން ވަރަށް ބޮޑަށް ހިތްހަމަޖެހި، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ވަކިން ޚާއްސަކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފްރާންސްގެ ޕެރިހުގައި ބޭއްވި ކޮޕް21ގެ ސަމިޓުގައި ރާއްޖެ އަދާކުރި ދައުރު މެމްބަރު ގައުމުތަކުން ފާހަގަކުރާ ކަމަށް މިނިސްޓަރު ޠާރިޤު ވިދާޅުވިއެވެ.
އެއޯސިސްގެ ޗެއާގެ މަގާމުގެ ދައުރަކީ ދެ އަހަރު ދުވަހުގެ މުއްދަތެކެވެ. ރާއްޖެއަށް ލިބުނު އާ ދައުރާ އެކު، 2018 ވަނަ އަހަރު ނިމެންދެން ރާއްޖެ އެއޯސިސްގެ ޗެއާކަމުގައި ދެމިހުންނާނެއެވެ.
#Maldiveshas been endorsed by the AOSIS plenary to continue as@AOSISChairfor 2017-2018.
— Ahmed Sareer (@AhmedSareer)October 31, 2016