31 Oct 2016, 21:47
އާންމުކޮށް ކެއިންބުއިމުގައި ބޭނުންކުރާ ކާޑުގެ ބާވަތްތައް ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް މިހާރުވެސް ވިއްކަމުން އަންނަ ކަމުގެ ޝަކުވާ ލިބޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ސަން އަށް ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ ކާޑުގެ ބާވަތްތައް އަގުބޮޑުކޮށް ވިއްކަމުން އަންނަކަމުގެ ޝަކުވާ ލިބިގެން މޮނީޓާކޮށް އެކަން ނުކުރުމަށް އަންގާ ކަމަށެވެ.
އިސްލާހް ކުރުމަށް އެންގުމުގެ އިތުރުން މިހާތަނަށް އަދި ފިޔަވަޅެއް ނާޅާ ކަމަށް ތައުފީގް ވިދާޅުވިއެވެ.
"މޮނީޓާކޮށް އިސްލާހު ކުރުމަށް އަންގަމުން މިދަނީ، ޝަކުވާ އާދޭ،" ތައުފީގް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބޮޑަށް ޝަކުވާ އަންނަނީ މާލެއިން ކަމަށާއި އަތޮޅުތެރެއިން ޝަކުވާ އަންނަ ވަރު ދަށް ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ މިމަހުން ފެށިގެން ޒަމާންނުންސުރެ ރާއްޖޭގައި އެންމެނަށް ދެމުން އައި ކާޑުގެ ސަބްސިޑީ ހަމައެކަނި ނިކަމެތިންނަށް ދިނުމަށެވެ. ނަމަވެސް ކާޑުގެ ބާވަތްތައް ވިއްކުމަށް ހުއްދަދީފައި ވަނީ ސަރުކާރުން ހުއްދަދީފައިވާ އަގެއްގައެވެ.
ސަރުކާރުން ވަކި އަގެއް ކަނޑައެޅި ނަމަވެސް އެއަށް އަމަލު ނުކުރާ ވިޔަފާރިތައް ގިނައެވެ. އެގޮތުން 7.96 ރުފިޔާއަށް ވިއްކަން ހުއްދަދިން ހަނޑޫ ކިލޯއެއް ނުވަ ރުފިޔާއަށް އަދި 10 ރުފިޔާއަށް އެބަވިއްކައެވެ. އަށް ރުފިޔާއަށް ވިއްކަން ހުއްދަދީފައިވާ ހަކުރު ކިލޯއެއް ވެސް އެއަށް ވުރެ އަގުބޮޑުކޮށް ވިއްކާ އިރު 5.96 އަށް ވިއްކުމަށް އަންގާފައިވާ ފުއްކިލޯ ހަތް ރުފިޔާއަށް އަދި އަށް ރުފިޔާއަށް އެބަވިއްކައެވެ.
އަތޮޅުތެރެއަށް މާލެއަށް ވުރެ ކާޑުގެ ބާވަތްތައް ވިއްކުމަށް ހުއްދަދީފައިވާ އަގުތައް ބޮޑެވެ. ނަމަވެސް އެއަށް ވުރެ ވެސް އަގުބޮޑުކޮށް ބައެއް ފިހާރަތަކުން ވިޔަފާރިކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.