31 Oct 2016, 21:29
އެމްޓީސީސީގެ އިތުރު 16 މުވައްޒަފަކަށް މަތީތައުލީމް ހާސިލްކުރުމުގެ ފުރުސަތުދީފިއެވެ.
އިތުރު 16 މުވައްޒަފަކަށް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތުދީފައި ވަނީ އެމްޓީސީސީގެ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އެވޯޑު ދިނުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އެމްޓީސީސީގެ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، ކުންފުނީގެ އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމުގެ މަގުސަދުގައި 2000 ވަނަ އަހަރު ކުންފުނީގެ ބޯޑުން އިސްނަގައިގެން ފަށާފައިވާ ޕްރޮގްރާމެކެވެ. އެގޮތުން މިއަދާ ހަމައަށް ކުންފުނީގެ 50 އަށް ވުރެ ގިނަ މުވައްޒަފުންނަށް އެ ޕްރޮގްރާމްގެ ދަށުން ވަނީ ތަމްރީނުވުމުގެ ފުރުސަތު ދީފައެވެ.
މަތީތާއުލީމް ހާސިލު ކުރުމަށް މިއަހަރު ފުރުސަތު ދީފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ މާސްޓާސް އިން އިންޖިނިއަރިން މެނޭޖްމަންޓް، ބެޗްލާސް އިން ސިވިލް އިންޖިނިއަރިން، މާސްޓާސް ނުވަތަ ބެޗްލާސް އިން އިންފޮމޭޝަން ކޮމިޔުނިކޭޝަން އެންޑް ޓެކްނޮލޮޖީ އަދި މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަނެވެ.

އެމްޓީސީސީގެ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ޗެއާމަން ހުސައިން ސާލިމް ވާހަކަފުޅުދައްކަވަނީ-- ސަން ފޮޓޯ: އަހްމަދު އާޒިފް
އެމްޓީސީސީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރި ޕަބްލިކް ކުންފުންޏެވެ. ޔަންމާ އިންޖީނާއި ސުޒުކީ އައުޓް ބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާއި ސިގްމާ އެންޑިފައުލިން ސިސްޓަމް އަދި ސްކޮޓް ބެޑާ ބްރޭންޑްގެ ފައިބަރާއި ރެސިންގެ ރާއްޖޭގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރަކީ ވެސް އެމްޓީސީސީއެވެ.
އެމްޓީސީސީން ދޭ ޚިދުމަތްތަކުގެ ތެރޭގައި ދަތުރުފަތުރުގެ ޚިދުމަތާއި ބަނދަރު ހެދުމާއި ބިންހިއްކުމާއި ފަޅުފުންކުރުމާއި ގޮނޑުދޮށް ރައްކާތެރިކުރުން ހިމެނެއެވެ. ހަމައެންމެ ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.
މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެމްޓީސީސީގެ ޗެއާމަން ހުސައިން ސާލިމް ދެއްކެވި ވާހަކަފުޅުގައި މަތީތައުލީމް ހާސިލްކުރުމަށް މިއަދު ފުރުސަތު ލިބުނު 16 މުވައްޒަފުން ވެސް ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތެއްގައި އެ ފުރުސަތުގެ ބޭނުންކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.
ސާލިމް ވިދާޅުވީ މަތީ ތައުލީމުގެ އެފަދަ ފުރުސަތެއް ދިނުމުގައި މިހާރުގެ ބޯޑު މެމްބަރުންގެ އިތުރުން ކުރީގެ ބޯޑު މެމްބަރުން ވެސް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި، މަތީ ތައުލީމް ހާސިލުކުރުމަށް ފުރުސަތު ދޭ މުވައްޒަފުންގެ އަދަދު އިތުރުކޮށްދޭނެ ކަމަށެވެ.