01 Nov 2016, 11:55
އަންނަ މަހު ސްރީ ލަންކާގައި ބާއްވަން ނިންމާފައިވާ ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް މެގަ މޯލްޑިވްސްއިން ހާއްސަ އަގެއް ކަނޑައަޅައިފި އެވެ.
ސަޓާ އެވޯޑްސް ބާއްވާނީ ދެ ދުވަހުގެ ރިޓުރީޓެއްގެ ގޮތުގައި އަންނަ މަހުގެ 15 އަދި 16 ގައި ސްރީ ލަންކާގެ އެންމެ ދުވަސްވީ ލަގްޒަރީ ހޮޓެލް، މައުންޓް ލެވީނިއާގަ އެވެ.
ސަޓާ އެވޯޑްސްއަށް ސްރީ ލަންކާއަށް ދާން ބޭނުންވާ މީހުންނަށް ރާއްޖޭގެ ބައިނަލްއަގްވާމީ ޕްރައިވެޓް އެއާލައިން މެގަ މޯލްޑިވްސް އިން ކަނޑައެޅި ފެއާގެ މައުލޫމާތު ދެއްވަމުން އެ އެއާލައިންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ޖާވިދު ފައިޒަލް މިއަދު ވިދާޅުވީ، އެ ފެއާގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 14 އިން 17 އަށް ކަމަށެވެ.
އެގޮތުން ސަޓާއަށް ހާއްސަ ފެއާގައި ދެކޮޅު ޓިކެޓުގެ އަގަކީ 175 އެމެރިކާ ޑޮލަރެވެ. އަދި ބެގޭޖް އެލަވެންސްގެ ގޮތުގައި 30 ކިލޯ ލިބޭއިރު، ސަޓާއަށް ކަނޑައަޅާފައިވާ ކޯޑު (SATA) ބޭނުންކުރުމުން އެ އަގުގައި ޓިކެޓް ލިބޭނެ ކަމަށް މެގަ މޯލްޑިވްސް އިން ބުނެ އެވެ.
ސަޓާ އެވޯޑްސް އަށް ހާއްސަ ކޮށްގެން ސްރީ ލަންކާއަށް ދެވޭ ހާއްސަ އަގެއް މެގަ މޯލްޑިވްސް އިން ކަނޑައަޅާފައިވާ އިރު، އެ އެއާލައިނުން ވަނީ ސްރީލަންކާގެ ކޮލޮމްބޯ އާއި މާލެއާ ދެމެދު އަންނަ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ދަތުރުތައް ފަށަން ނިންމާފައެވެ.
އެގޮތުން ދެ ގައުމުގެ ވެސް ހަފްތާ ބަންދާ ދިމާކޮށް ދެކޮޅަށް ދަތުރުކުރެވޭ ގޮތަށް، ކޮންމެ ހަފްތާ އެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެ އެއާލައިން ފްލައިޓުތައް ބާއްވާނެ އެވެ.
މެގަ މޯލްޑިވްސް އިން ބުނާ ގޮތުގައި، ކޮލޮމްބޯ އާއި މާލެއާ ދެމެދު ކުރާ ދަތުރުތަކުގެ ރިޓާން ޓިކެޓުގެ އަގުތައް ފަށާނީ 165 ޑޮލަރުންނެވެ. އަދި އެއްކޮޅު ޓިކެޓު 70 ޑޮލަރާއި 95 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި އުޅޭއިރު ބެޖޭގް އެލަވެންސްގެ ގޮތުގައި ލިބޭނީ 15 ކިލޯ ކަމަށެވެ.
މެގަ މޯލްޑިވްސް ޕަބްލިކް ރިލޭޝަންސް ޖާވިދު ވިދާޅުވީ، ކޮލޮމްބޯއާއި މާލެއާ ދޭތެރޭ އެ އެއާލައިން އިން ފަށާ ދަތުރު ތަކަށްވުރެ ސަޓާ އެވޯޑްސްއަށް ކަނޑައެޅި ފެއާގައި ދެކޮޅު ޓިކެޓްގެ އަގު އެންމެ 10 ޑޮލަރު ބޮޑުވި ނަމަވެސް، ސަޓާއަށް ކަނޑައެޅި ފެއާގައި ބެގޭޖް އެލަވެންސަށް އިތުރު 15 ކިލޯ ލިބޭނެ ކަމަށެވެ.
އަދި އެގޮތަށް ނިންމީ، ބައެއް ބޭފުޅުން އިތުރު ތަކެތި ގެންދަވަން ބޭނުންފުޅުވެދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ތަޖުރިބާކާރު އަދި މަޝްހޫރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި ހައިރައިޒް އިން އިންތިޒާމްކުރާ މިއަހަރުގެ ފެއާއަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ވެފައިވާއިރު، އެވޯޑްސްގެ ހޯސްޓް މައުންޓް ލެވީނިއާއިން ވެސް ވަނީ ފެއާ އަށް އެ ހޮޓަލުން ހާއްސަ އަގުތަކެއް ކަނޑައަޅާފަ އެވެ.
ސަޓާ އެވޯޑްސް އަށް ހާއްސަ ކޮށްފައިވާ ޕްރޮމޯޝަން ކޯޑު (SATA1) ބޭނުންކޮށްގެން އެ ހޮޓަލުގެ ވެބްސައިޓް މެދުވެރިކޮށް ހަދާ ބުކިންތަކަށް ލިބޭ އެ އަގު ހާއްސަކޮށްފައި ވަނީ އަންނަ މަހުގެ 15 އިން 17 އަށް އެ ހޮޓަލުގައި ހުންނަން ބޭނުންވާ މީހުންނަށެވެ.
އެ ޕްރޮމޯޝަން އަގުގައި މައުންޓް ލެވީނިއާ ހޮޓެލުގެ ހިތްގައިމު ޓްވިން ބެޑްސް ޑައިރެކްޓް އޯޝަން ވިއު އަދި ކިންގް ބެޑް ޑައިރެކްޓް އޯޝަން ވިއު ރޫމެއް ރެއަކަށް 121.99 ޑޮލަރަށް ލިބޭނެ އެވެ. އެ ދޭ ޕެކޭޖުގެ ތެރޭގައި އެ ހޮޓަލުން ނަގާ ޓެކްސް އާއި ހެނދުނުގެ ނާސްތާ ވެސް ހިމެނެ އެވެ.